12 Dec 2011, 13:36
"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހީން"ގެ ނަމުގައި މަދަނީ އިއްތިހާދުން މި މަހުގެ 23ގައިވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ބޮޑު މުޒާހަރާގައި ބައިވެރިވުމަށް އަދާލަތު ޕާޓީން އެ ޕާޓީގެ ހުރިހާ ގޮފިތަކަށް އަންގަން ފަށައިފި އެވެ.
މަދަނީ އިއްތިހާދުން ބާއްވާ އެ މުޒާހަރާގައި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވުމަށް އަންގައި އަދާލަތު ޕާޓީގެ ގޮފިތަކުގެ ރައީސުންނާއި ކައުންސިލަރުން އަދި ރަށު މަންދޫބުންނަށް އަދާލަތު ޕާޓީން ފޮނުވާފައިވާ ސިޓީގައި ވަނީ އެ ޕާޓީގެ މެންބަރުން ތިބި ހުރިހާ ރަށެއްގައި މުޒާހަރާ އިންތިޒާމުކުރުމާއި މުޒާހަރާގައި އިސްވެ ހަރަކާތްތެރިވުމަށް ގޮފިތަކުގެ އިސްފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
އެ މުޒާހަރާއަކީ ސަރުކާރުން ރާއްޖޭގައި މުޝްރިކުން ޝިރުކު ކުރުމަށް ގެންގުޅޭ ބުދުތައް ގެނެސް އައްޑު އަތޮޅުގެ އެކިއެކި ރަށްރަށުގެ އާއްމު މައިދާންތަކުގައި ބަހައްޓާފައި ވާތީ އެ ބުދުތަކުން ދިވެހި ބިން ސާފު ކުރުމަށާއި އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޝަނުގެ ރައީސަށް ދިވެހި ސަރުކާރުން ދައުވަތުދީގެން ގެނެސް ރައްޔިތުންގެ މަޖިލީހުގައި އިސްލާމްދީނުގެ ހައްދުތަކަކީ އަނިޔާވެރި ލާއިންސާނީ ހައްދުތަކެއް ކަމާއި އެކަންކަމާ މެދު ބަހުސްކުރުމަށް ގޮވާލާފައި ވާތީ އެކަމާ ދެކޮޅުހަދައި އިސްލާމްދީން ހިމާޔަތްކުރުމަށް އެންމެހައި ދިވެހިން ގުޅިގެން މަސައްކަތްކޮށް، މުސްލިމުންގެ އަޑު އުފުލުމުގެ ގޮތުން ބާއްވާ މުޒާހަރާއެއް ކަމަށް އަދާލަތުގެ ސިޓީގައިވެ އެވެ.
އެ މުޖާހަރާއާ ބެހޭ ވެބްސައިޓެއް ރޭ މަދަނީ އިއްތިހާދުން ވަނީ ލޯންޗްކޮށްފަ އެވެ.