ލަ ލީގާގެ ކްލަބް ވެލެންސިޔާގެ ސްކުއޮޑުން ފަސް މެމްބަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެ ކްލަބުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެލެންސިއާ ސީއެފް އިން ކޮވިޑް-19 އަށް ޕޮޒިޓިވް ފަސް ކޭހެއް ފެނިފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ޓީމުގެ ކުޅުންތެރިންނާއި އިތުރު ސްޓާފުން ހިމެނޭ ކަމަށް ވެސް އެ ކްލަބުން ބުނެ އެވެ.

ވައިރަސް އަށް ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކެއް ވެސް ވަނީ މިހާރު ގޭގައި ކަމަށާއި އެމީހުންގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ވެލެންސިއާ އިން ބުންޏެވެ. އޭގެ އިތުރުން އެ މީހުން ތިބީ އަމިއްލައަށް އައިސޮލޭޝަނަށް ގޮސް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ވެލެންސިއާ އަދި އާޖެންޓީނާގެ ޑިފެންޑަރު އެޒެކިއެލް ގަރާއީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އިއްޔެ ވަނީ އާންމުކޮށްފަ އެވެ. ގަރާއީ އަކީ ލަ ލީގާގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ އެ ވައިރަސް އަށް ޕޮޒިޓިވް ވި ކުޅުންތެރި އެވެ.

ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވްވި ކަން ގަރާއީ ހާމަކޮށްފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އަދި ވައިރަސް ޖެހުނު ނަމަވެސް އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

ގަރާއީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ވާހަކަ ހާމަކުރިތާ ގިނަ އިރުތަކެއް ނުވެ ވެލެންސިއާ އިން ބަޔާން ނެރުނެވެ.