ގާނޫނީ ވަކީލުންގެ ޖަމިއްޔާ، ލޯ ސޮސައިޓީ އުވާލަން ކަނޑައަޅައި 45 ދުވަހުގެ ތެރޭގައި ދަރަންޏެއް އޮތް ނަމަ ހަލާސް ކުރުމަށް އެ ޖަމިއްޔާ އަށް ހޯމް މިނިސްޓްރީ އިން އަންގައިފި އެވެ.

ހޯމް މިނިސްޓްރީގެ ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާ މުހައްމަދު މާހިރު މިއަދު ވިދާޅުވީ އެ ޖަމިއްޔާ އުވާލުމަށް ކަނޑައަޅައި ދަރަނި ހަލާސް ކުރުމަށް ނޯޓިސް ދެއްވީ ޖަމިއްޔާތަކާ ބެހޭ ގާނޫނާ އެއްގޮތަށް އެ ޖަމިއްޔާ އިން އަމަލުކޮށްފައި ނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޖަމިއްޔާ އުވާލުމަށް ނިންމެވި ސަބަބުތަކުގެ ތެރޭގައި އަހަރީ ރިޕޯޓް ހޯމް މިނިސްޓްރީ އަށް ނުފޮނުވުމާއި 1990 ވަނަ އަހަރުގެ ފަހުން ހިންގާ ކޮމެޓީއާ ބެހޭ މައުލޫމާތު އެ މިނިސްޓްރީ އަށް ދީފައި ނުވުން ހިމެނޭ ކަމަށެވެ.

ހޯމް މިނިސްޓްރީ އިން ބުނީ 45 ދުވަހުގެ ތެރޭގައި އެ ޖަމިއްޔާގެ ދަރަންޏެއް އޮތް ނަމަ ހަލާސްކޮށް ޖަމިއްޔާގެ ނަމުގައި ހުރި މުދަލާއި އެކަންކަމާ ބެހޭ ތަފުސީލު 45 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގާފައިވާނެ ކަމަށެވެ.