ކޮވިޑް-19 އިން ރައްކާތެރިވެ ވައިރަސް ޖެހިފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިޔާ ޕޯލް ޕޮގްބާ ފަންޑެއް ހުޅުވައިފި އެވެ.

ޕޮގްބާ ވަނީ ކޮވިޑް-19 އާ ގުޅިގެން އޭނާގެ ފޭސްބުކް ޕޭޖްގައި ފަންޑްރެއިޒިން ހަރަކާތެއް ފަށާފައެވެ. އެ ފަންްޑުގެ ގޯލަކީ 27،000 ޕައުންޑު ލިބުމެވެ. އަދި އެ އަދަދަށް ފައިސާ ލިބިއްޖެނަމަ އެ ފައިސާގެ ދެ ގުނަ އޭނާ އެ ފަންޑަށް ދޭނެ ކަމަށް ބުނެފައިވެއެވެ.

އިއްޔެ އެ ފަންޑު ހުޅުވާފައިވަނީ ޕޮގްބާގެ އުފަންދުވަހާ ގުޅިގެންނެވެ.

"މިއަކީ އަހަރެންގެ އުފަން ދުވަސްވުމުން އަހަރެންގެ އާއިލާއާއި އެކުވެރިންނަށް ދުޅަހެޔޮ ސިއްހަތެއް ލިބުމުން އެކަމަށް ޝުކުރު ކުރަން. އެކަމު އެންމެނަށް ދުޅަހެޔޮ ސިއްހަތެއް މިވަގުތު ލިބެން ނެތް. އެއީ ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެއަށް ނުރައްކާ އެބައޮތް. އެހެންވީމަ ވައިރަސް ހުއްޓުވުމަކީ އެންމެންގެ މަސައްކަތަކަށް ވާން ޖެހޭ،" އޭނާ ބުންޏެވެ.

ޕޮގްބާ ބުނީ، ފަންޑުގެ ގޯލަށް ވާސިލުވެވިއްޖެ ނަމަ 333،332 ޑިސްޕޯޒެބަލް އަންގި އާއި 2،777 މާސްކުގެ އިތުރުން 9،615 ގޮގްލްސް ގަނެވޭނެ ކަމަށެވެ.

"ކޮންމެ މީހަކަށްވެސް ވެވެން އޮތް ވަރަކުން އެހީވެވިދާނެ. ހުރިހާ އެންމެންގެ ފަރާތުން ލިބެމުންދާ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޕޮގްބާ ބުންޏެވެ