16 Mar 2020, 08:31
ބޮލީވުޑްގެ ކާމިޔާބު ބަތަލު ރަންވީރު ސިންހް ލީޑު ރޯލު ކުޅޭ "ޖަޔޭޝްބާއީ ޖޯރްދާރް" ދައްކާ ދުވަސް އިއުލާންކޮށްފިއެވެ.
ޔަޝް ރާޖް ފިލްމްސް އިން ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމު ރިލީޒްކުރާނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުކަމަށެވެ. ޖަޔޭޝްބާއީ ޖޯރްދާރް އަކީ ކޮމެޑީ ފިލްމެކެވެ. އެ ފިލްމަކީ މަނީޝް ޝަރުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ދިވްޔަންގް ތައްކަރު ޑައިރެކްޓް ކުރާ އެ ފިލްމައި ރަންވީރުގެ އިތުރުން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ބޮމަން އިރާނީ، ރަތުނާ ޕަތަކް، ޝާލިނީ ޕާންޑޭ އަދި އަޕަރްޝަކްތީ ކުރާނާއެވެ.
ފިލްމާ ގުޅޭ ގޮތުން މަނީޝް ބުނީ މި ފިލްމަކީ ހީ ހީ ހަލާކުކޮށްލާނެ ވަރުގެ ފިލްމެއްކަމަށާއި އަދި މި ފިލްމުގެ ސަޅި ތަންކޮޅަކީ ރަންވީރު އުޅުން ކަމަށެވެ. މި ފިލްމުގައި އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ. ރަންވީރު އެ ފިލްމުގައި ކުޅޭނީ ގުޖުރާތު ފިރިހެނެއްގެ ރޯލެވެ.
ފިލްމުގެ ޕްރޮޑިއުސަރު މަނީޝް ވަނީ ފިލްމުގެ ކާސްޓުންނަށް ވަރަށް ބޮޑަށް ތައުރީފްވެސްކޮށްފައެވެ.