މިހާރު ފެތުރެމުންދާ ކޮވިޑް19 ގެ ސަބަބުން ސިނަމާތަކުގައި އަޅުވާފައި އޮތް ފިލްމު "ބާގީ3" ސިނަމާތަކުގައި ދެއްކުން މެދުކަނޑާލައިފި އެވެ.

ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ސިނަމާތަކުން ނެގީ ސިނަމާތައް މި މަހު 31 އާ ހަމައަށް ބަންދުކުރުމާ ގުޅިގެންނެވެ.

އާންމުން ގިނައިން އެއްވެ އުޅޭތަންތަން ބަންދުކުރުމާ ގުޅިގެން ފިލްމު ނެގި ނަމަވެސް ކޮވިޑް19ގެ ކަންތައްތައް ހަމައަކަށް އެޅުމުން ފިލްމު އަޅުވާނެ ކަމަށް ބެލެވެ އެވެ. ސިނަމާތަކުގައި ބާގީ 3 ދެއްކުން މެދުކަނޑާލިއިރު އެ ފިލްމަށް ވަނީ 91 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.

އަހަރުގެ މިހާތަނަށް ނުކުތް ހުރިހާ ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އޯޕަނިންއެއް ހޯދި އެ ފިލްމުގެ ޑައިރެކްޓަރަކީ އަހްމަދު ޚާން އެވެ. އެ ފިލްމުގައި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ. މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދިޔައީ ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ އެވެ.