މިހާރު ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން ހާލުބޮޑޮވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކުރި އިޓަލީގެ ފަތުރުވެރިޔާގެ ހާލު މިހާރު ރަނގަޅުކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

ކޮވިޑްއަށް ފަރުވާ ދިނުމަށް ހަތަރު މީހުން މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮރޯނާއާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސެއިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި 70 އަހަރުގެ ފިރިހެން މީހާ ފާއިތުވި ދެ ދުވަސްތެރޭ ހުން ކޮންޓްރޯލްވެފައިވާ ކަމަށެވެ.

އެގޮތުން އޭނާއަށް މިހާރު އޮކްސިޖަން ނުދޭކަމަށްވެސް މޫސަ ވިދާޅުވިއެވެ. ކޮވިޑް19 އަށް ދޭނެ ސީދާ ފަރުވާއެއް ނެތް ނަމަވެސް ދުނިޔޭގައި އެންމެ ފަހުން ކުރެވިފައިވާ ދިރާސާތަކުގެ މައްޗަށް ބަލައި އެންޓިވައިރަލް ފަރުވާތައް ދެމުންގެންދާކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ހާލުބޮޑުވި ފަތުރުވެރިޔާ ރާއްޖެއައީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. ކޮވިޑް19ގެ އަލާމާތްތައް ފެނިގެން ޓެސްޓްކުރިއިރު، މިމަހުގެ އަށް ވަނަ ދުވަހު އޭނާ ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެފަހުން ފަރުކޮޅު ފުށީގައި ކަރަންޓީނުކުރުމަށްފަހު ހާލުބޮޑުވުމުން އޭނާވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި ފަރުވާ ދޭން ފަށައިފައެވެ.

ހާލުބޮޑުވި މީހާގެ އަންހެނުންވެެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

އޭގެ އިތުރުން ރޭވެސް ވަނީ ކޮވިޑް19 އަށް ޝައްކުވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ދެމަފިރިއަކު އެޑްމިޓްކޮށްފައެވެ. އެ ދެމަފިރިން ނެގެޓިވްވި ނަމަވެސް އަދިވެސް އިތުރަށް ޓެސްޓްކުރުމަށް އައިޖީއެމްއެޗްގައި އޮތީ ބާއްވައިފައެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ 1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.