15 Mar 2020, 22:38
އަންންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްވި ދިވެހި މީހާ އެންމެ ފަހުން ހުރީ ހުޅުމާލޭގައި ކަމަށް ސަރުކާރުން ބުނެފިއެވެ.
އަންތާރާ ދިގު ރިސޯޓުން މިހާތަނަށް ދެމަފިރިޔަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ޑަރެކްޓް ކޮންޓެކްޓްވި ދިވެހި މީހާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން މިހާރު ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، އެ ދިވެހި މީހާ ފަރުކޮޅުފޮއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެނާ އެންމެ ފަހުން ހުރީ ހުޅުމާލޭގައި ކަަމަށް މަބްރޫކު ވިދާޅުވިއެވެ.
"މިކަމާ ގުޅިގެން [އަންތާރާއިން ޕޮޒިޓިވްވި ދެ މީހުންގެ] ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުން. އޭގެ ތެރެއިން އަލާމާތްތައް ފެނުނު މީހެއް ފަރުކޮޅުފުއްޓަށް މިގެންދަނީ. އެ ފަރާތަކީ އަންތާރާ ދިގުގައި ހުރި ފަރާތެއް ނޫން. ހުޅުމާލޭގައި ހުރި ފަރާތެއް،" މަބްރޫކު ވިދާޅުވިއެވެ.
އޭނާ ހުޅުމާލެއަށް އައީ ކޮންއިރަކުތޯ އަދި ކިހާ ދުވަހަކު ހުޅުމާލޭގައި ހުރިތޯ "ސަން" އިން ސުވާލުކުރުމުން މަބްރޫކު ވިދާޅުވީ، އަލާމާތްތައް ހުރިކަން އެނގުނީ މިއަދު ކަމަށާއި އެކަންކަން ބަލަމުންދާ ކަމަށެވެ.
މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފަރީއަކުން 13 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.