15 Mar 2020, 22:19
ކ. މާފުށީ ޖަލާއި މާލޭ ޖަލުގައި ޖަލުގެ އޮފިސަރުންނަށް ހަމަލާދިން މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ކަރެކްޝަންސްގެ ބައެއް މުވައްޒަފުންގެ މުދަލާއި އަދި އިމާރާތްތަކަށް ދީފަިއވާ ހަމަލާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަަމަށެވެ.
ފުލުހުން އިތުރަށް ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބޭނުންވެއްޖެ ހާލަތެއްގައި ފުލުހުންގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމަށެވެ.
ރާއްޖޭގައި މިހާރު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުންވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާއިރު އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޖަލުގައި ހަމަނުޖެހުންތައް ހިނގީ ކޮރޯނާ ވައިރަސްއާ ގުޅިގެން އާއިލީ ބައްދަލުވުންތަކާއި އެކެހެރި ބައްދަލުވުންތައް ވަގުތީ ގޮތުން މެދުކަނޑާލުމާ ގުޅިގެންނެވެ.
އެގޮތުން އިއްޔެ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަތަރު ބަންދު މީހަކާއި ފަސް އޮފިސަރަކަށް އެކި ވަރުގެ ކުދި އަނިޔާ ވެފައިވާކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އޭގެ އިތުރުން މާލޭ ޖަލުގައި ހިންގި ހަމަނުޖެހުމުގައި ފަސް ބަންދު މީހަކަށާއި ފަސް އޮފިސަރަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.