މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އެކަމާ ގުޅިގެން 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، 212 މިލިއަން ރުފިޔާ އަކީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ކޮންޓެންޖެންސީ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ކަމަށެވެ.

"މި އަދަދުގައި ނުހިމެނޭ ރާއްޖެއަށް ލިބޭ ހިލޭ އެހީތައް،" މަބްރޫކު ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް މަބްރޫކު ހާމައެއް ނުކުރައްވައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތު ދުވަހު ވިދާޅުވީ، ވައިރަހާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެެއް އަންނާނެ ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީ 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނީ، 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސަންޓާ ދެމެދުގެ މިންވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ސާކް ގައުމުތަކުގެ ވެރިންނާއެކު ބޭއްވ ޓެލެކޮންފަރެންސްގައި ރައީސް ވިދާޅުވީ، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން ދަށްވެ، 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށެވެ.

ސަރުކާރުން ވަނީ މިހާރު އިދާރާތަކުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފައެވެ. ނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށާއި މަޝްރޫއުތައް މަޑު ޖައްސާލުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފަރީއަކުން 13 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.