އަލަށް ވޯކްވިސާއަށް އެދޭއިރުވެސް މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން މިރޭ ކުރި އިއުލާންއެއްގަިއ ބުނީ ރިޒޯޓްތަކުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުން މެދުކަނޑާލާފައިވާތީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތުގެ މުއްދަތު ތެރޭގައި ވޯކް ވިސާ އަދި އެހެނިގެން ވިސާއަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވޯކް ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މި މުއްދަތުގެ ތެރޭގައި މެޑިކަލް ރިޕޯޓާ ނުލައި އަލަށް ވޯކް ވިސާއަށް އެދި ހުށަހަޅާ ބިދޭސީންގެ ފަރާތުން ވޯކް ވިސާ ދޫކުރެވޭނީ ތިން މަސްދުވަހުގެ މުއްދަތަށް ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

މީގެ ކުރިން އިމިގްރޭޝަނުން ވަނީ ވޯކް ވިސާ އަދި އެހެނިހެން ވިސާގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު މެޑިކަލް ރިޕޯޓާ ނުލާ ވިސާ ދޫކުރަން ފަށައިފައެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ 1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.