އެޓާނީ ޖެނެރަލް އޮފީހުގެ ކޮމްޕްލަޔަންސް އޮޑިޓަށް ފަހު 10 ދާއިރާއަކުން 22 ކަމެއް ރަނގަޅުން ކުރުމަށް ސިވިލްސާވިސް ކޮމިޝަނުން އޭޖީއަށް އަންގައިފި އެވެ.

ސީއެސްސީން ނެރެފައިވާ އޭޖީ އޮފީހުގެ ކޮމްޕްލަޔަންސް އޮޑިޓްގައި ބުނެފައި ވަނީ މިއީ މިހާތަނަށް އޮޑިޓް ކުރި އިދާރާތަކުގެ ތެރެއިން ނިސްބަތުން އެންމެ މައްސަލަތައް މަދު އިދާރާ ކަމަށެވެ.

ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި ސިވިލްސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި އަސާސީ ސިފަތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ގާއިމްކޮށްފައިވާ ނިޒާމްތަކަކީ އެކަށީގެންވާ ނިޒާމްތަކެއްތޯ ބެލުމުގެ ގޮތުން ސެޕްޓެމްބަރު 20 އިން އޮކްޓޯބަރު ފަހެއްގެ ނިޔަލަށް އޭޖީ އޮފީހުގައި ކުރިއަށް ގެންދިޔަ ކޮމްޕްލަޔަންސް އޮޑިޓަށް ފަހު ނެރެފައިވާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުންނާ ދޭތެރޭ އިސްވެރިން ތަފާތު ކުރާ އިރު ބައެއް ވެރިން މުވައްޒަފުންނާ ދޭތެރޭ އިހާނެތި ބަހުން މުޚާތަބު ކުރާކަން ފާހަގަކޮށްފައިވެ އެވެ. ވަޒީފާގެ މާހައުލުގައި ދިމާވާ ހިތްހަމަނުޖެހުމުގެ ޝާކުވާ ހުށަހަޅަން މުވައްޒަފުން ފަސްޖެހޭކަން ވެސް ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މުވައްޒަފުންގެ މެދުގައި ގުޅުން އޮންނަންވާ ވަރަށް ނެތް އިރު އިސް މުވައްޒަފުންނާއި ސަޕޯޓް އޮފިސަރުންގެ މެދުގައި މައްސަލަ އިތުރުވެފައިވާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ވެސް އޭޖީ އޮފީހުގެ މުވައްޒަފުން ސީއެސްސީގެ ގަވާއިދަށް އަހުލުވެރިކުރުވުމަށް އޮފީހުގެ ފެންވަރުގައި އެއްވެސް ޕްރޮގްރާމެއް ރާވައި ހިންގަމުންދާ ކަމުގެ ރެކޯޑެއް އޮފީހުން ފެންނަން ނެތް ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި އޭޖީ އޮފީހަކީ ކުއްލި ގޮތަކަށް މުވައްޒަފުން ނުކުމެ މަސައްކަތް ކުރަން ޖެހޭ ތަނަކަށްވާ އިރު އެފަދަ ހާލަތެއްގައި އޮފީހުގެ މަސައްކަތްކުރާނެ ގޮތުގެ ޕްރޮސީޖާއެއް ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ސީއެސްސީން އާންމުކޮށްފައިވާ ފަހުގެ އުސޫލުތަކާ އެއްގޮތަށް އެކުލަވާލައި ފާސްކޮށްފައިވާ އިދާރީ އޮނިގަނޑެއް ނެތް އިރު، މިހާރު އެކުލަވާލައި ބޭނުންކުރަމުން އަންނަ އޮނިގަނޑުގައި ލީގަލް ސެކްޝަންގެ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި ބަހާލާފައިވާ ގޮތުން ރިޕޯޓުކުރުމުގެ މަރުހަލާގައި އެއް މުވައްޒަފަކު ތަފާތު ދެ ސްޕަވައިޒަރުންނަށް ރިޕޯޓު ކުރަން ޖެހޭ ގޮތަށް އޮތުމުން ފުށުއަރާކަން ފާހަގަ ކޮށްފައިވެ އެވެ.

މިއީ ސީއެސްސީން މިހާތަނަށް ކޮމްޕްލަޔަންސް އޮޑިޓް ކުރުމަށް ފަހު އާންމުކުރި ހަތަރު ވަނަ ރިޕޯޓެވެ.