އަނަންތާރާ ދިގު ރިސޯޓުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ބިދޭސީ މީހަކާ ކޮންޓެކްޓުވި ދިވެއްސެއްގެ ފަރާތުންް ބަލީގެ އަލާމާތްތައް ފެންނާތީ އޭނާގެ ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ދިވެހި މީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެމީހާ އަކީ އެ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓު ކޮންޓެކްޓުވި މީހެއްކަމަށް ފާހަގަވެފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ޝައްކުވާ ދިވެހި މީހާ ހުރީ ހުޅުމާލޭގައި ކަމަށެވެ.

އަދި މިހާރު އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަމުންދާތީ އޭނާގެ ސާމްޕަލް ނަގައި، ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަންނަތާރާ އިން މިހާތަނަށް ދެ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ ރިސޯޓުން ބައްޔަށް މީހަކު ޕޮޒިޓިވް ވުމުން ރިސޯޓު ވަގުތީގޮތުން ބަންދުކުރި އެވެ. ނަމަވެސް ރޭ ވަނީ އެ ރިސޯޓު އަލުން ހުޅުވައިފައެވެ.

އެ ރިސޯޓު އަލުން ހުޅުވީ ކޮންޓެކްޓް ޓްރޭސިން ނިންމާ، ހޯމް އައިސޮލޭޝަނަށް ގެންދަން ޖެހޭ ފަރާތްތައް އެކަހެރިކުރުމަށް ފަހުގައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ 1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.