ރާއްޖެ އަށް ބަންގްލަދޭޝް އިން އަންނަ މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފައި އޮތް ނަމަވެސް ބަންގްލަދޭޝް އިން އަންނަ ދިވެހިން 14 ދުވަސްވަންދެން ގޭގައި ހޯމް އައިސޮލޭޝަން ފުރިހަމަ ކުރަންޖެހޭގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުންނާއި ފާއިތުވި 14 ދުވަސްތެރޭ އެގައުމަށް ގޮސްފައިވާ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.

އޭރު އުސޫލުގައި ބުނެފައިވަނީ މިމަހުގެ 24ގެ ނިޔަލަށް ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުން ރާއްޖެ އެތެރެވުން ހުއްޓާލާނެ ކަމަށެވެ.

ނަމަވެސް މީގެ ތެރެއިން ބަންގްލަދޭޝް އިން ރާއްޖެ އަންނަ ދިިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުން އިސްތިސްނާވާނެ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.

މަބްރޫކް މިއަދު ވިދާޅުވީ ބަންގާޅުން ރާއްޖެ އަންނަ ދިވެހިން 14 ދުވަހުގެ ހޯމް އައިސޮލޭޝަން ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި އެހެން މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު ނޫނީ ރާއްޖެ އެތެރެ ނުވެވޭނެ ކަމަށެވެ.

ރާއްޖެއިން ވަނީ ޗައިނާ އާއި އިޓަލީ އަދި ސްޕެއިން އިން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފައެވެ. މީގެ އިތުރުން ސައުތުކޮރެއާގެ ދެ ސަރަހައްދަކާއި ފްރާންސްގެ ދެ ސަރަހައްދެއްގެ އިތުރުން ޖަރުމަނުގެ ދެ ސަރަހައްދަކުން މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ.