މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތަކަށް އިސްކަންދީގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ މަޖިލީހުގެ ރައީސަށް ދިނުމަށް މިއަދު ފާސްކޮށްފި އެވެ.

މި ގޮތަށް ފާސްކޮށްފައި ޕާޓީތަކާ މަޝްވަރާ ކުރެއްވި ކަމަށް ރިޔާސަތުން ވިދާޅުވި، ވިދާޅުވުން ޖުމްހޫރީ ޕާޓީއާ ގައުމީ ޕާޓީން ދޮގުކޮށް އެކަމާ ދެކޮޅު ހައްދަވަމުން ދަނިކޮށެވެ.

އެ ހުއްދަ މަޖިލީހުގެ ރައީސަށް ދިނުމަށް މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

މަޖިލީޙުގެ ރިޔާސަތުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާޙިދު ވިދާޅުވީ، އެޖެންޑާގައި ހިމެނޭ އެހެން ކަންތަކުގެ ކުރިއަށް ކޮމެޓީގެ މަސައްކަތްތައް ތަރުތީބު ކުރުމުގެ ހުއްދަ މަޖިލީހުގެ ރައީސަށް ދިނުމުގެ މައްސަލަ، ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ގެންނެވީ މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންގެ ތެރެއިން ޕާޓީތަކުގެ އިސް ފަރާތްތަކާ ވާހަކަ ދެއްކެވުމަށްފަހު ކަމަށެވެ.

"މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިމޭއިރު، ކޮމިޓީތަކުން ނިންމި ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ރައީސަށް ވަނީ ފޮނުވައިފަ. އަދި ދައުރު ނިމުމުގެ ކުރިން ކޮމިޓީގެ މަސައްކަތްތައް ނިންމުމަކީ ވަރަށް މުހިއްމު ކަމެއް. މިހާރު ޑިސެންބަރު މަހުގެ މެދާ ހަމައަށް އައިސްފައިވާއިރު، މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު ދައުރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ނިމޭނެ ގޮތެއް ނޯންނާނެ. އެހެން ކަމުން ތިޔަ މެންބަރުންގެ ތެރެއިން ޕާޓީތަކުގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު މި ހުށަހެޅުން ގެނަނީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އެހެން ވިދާޅުވުމުން ނިޒާމީ މައްސަލަ ނަންގަވައިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ މައްސަލައިގައި ޕާޓީތަކާ ވާހަކަ ދެއްކެވިކަމަށް ވިދާޅުވާއިރު ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކުރައްވާފައިނުވާ ކަމަށާއި ޝާހިދު ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.

"ޖުމްހޫރީ ޕާޓީއަކާ ވާހަކައެއް ނުދައްކާ، ގަވައިދުގައި އޮތް ގޮތަށް އޮއްވައި މަޖިލީހުގެ މުހިއްމު މަސައްކަތްތައް ހުއްޓައި އެއީ ތާޢީދު ކުރާކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެކަމުގައި ގައުމީ ޕާޓީއާ މަޝްވަރާ ކުރައްވާފައިނުވާ ކަމަށެވެ. ޝާޙިދު މަޝްވަރާކުރެއްވި ކަމަށް އެ ވިދާޅުވަނީ ކޮން ޕަޓީތަކާތޯ ވެސް ރިޔާޒު ސުވާލު ކުރެއްވި އެވެ.

ގާސިމާއި ރިޔާޒަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ އެ މައްސަލައިގައި ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރެއްވި ކަމަށް ވިދާޅު ނުވާ ކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ނިޒާމީ މައްސަލަ ނަންގަވައި ގާސިމް ވިދާޅުވީ މުހިއްމު މަސައްކަތްތަކެއް ހުއްޓައި އެގޮތަށް މަޖިލިސް ކުރިއަށް ގެންދަން ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ރޭނގަޑާ އެއްކޮށް ޖަލްސާ ބާއްވައިގެން ބިލްތަކުގެ މަސައްކަތް ކުރިއަށްގެންދަން ފެނިވަޑައިގަންނަވާ ކަމަށާއި މަޖިލީހުގެ ކަންތައް ކުރިއަށް ގެންދަންޖެހޭނީ ގަވާއިދާ އެއްގޮތަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރިޔާޒު ރަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކުލެވޭ ގޮތަށް އުފެދިފައިވާ މަޖިލީހެއް ކަމަށާއި، މަޖިލީހުގެ ރައީސް ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވާނީ ޕާޓީތަކުގެ މަޝްވަރާއާއެކު ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށެވެ.