15 Mar 2020, 17:54
ޕެރިސް (15 މާޗް 2020) : ކޮވިޑް-19 ދުނިޔޭގެ ގައުމުތަކުގައި ބާރަށް ފެތުރެމުންދާއިރު އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމާއި ވައިގެ ދަތުރު ފަތުރާއި ރީޓެއިލް ވިޔަފާރިއާއި ކެފޭ ރެސްޓޯރެންޓްތަކުގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ވަރަށް ބޮޑަށް ކުރަން ފަށާފައިވާ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.
ފަރަންސޭސިވިލާތުގެ ނޫހެއްކަމަށްވާ ލިޒްކޯ ގައި ޝާއިޢުކޮށްފައިވާ މި ރިޕޯޓް ބުނާގޮތުން ކޮވިޑް-19 އާއެކު ދުނިޔޭގެ ވައިގެ ދަތުރުތަކަށް ހުރަސްއެޅި ބައިނަލްއަގްވާމީ އިގްތިސާދަށްވަނީ ކުއްލި ޝޮކެއް ކުރިމަތިވެފަ އެވެ. މިޝޮކާއެކު އެންމެ ފުރަތަމަ އިނދަޖެހޭނީ ދުނިޔޭގެ ގައުމުތަކުގެ އެއާލައިންތައްކަމަށާ ހަމައެއާ އެކު ރެސޯޓްތަކާއި ހޮޓާތަކާއި ކެފޭ ރެސްޓޯރެންޓް ތަކާ އެދާއިރާތަކާ ގުޅިފައިވާ ރީޓެއިލް ވިޔަފާރިތަކަށް ވެސް މާލީ އެހީގެ ޕެކެޖްތައް ނުލިބިއްޖެ ނަމަ ލަސްތަކެއްނުވެ އެކުންފުނިތައް ބަނގުރޫޓް ވެގެންދާނެކަމަށް ލިޒްކޯގެ ރިޕޯޓު ބުނެއެވެ.
ފަހުގެ ތާރީޚެއްގައި ވައިގެ ދަތުރުތަކަށް ޝޮކެއް ކުރިމަތިވީ 2001ގެ ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ވޮޝިންޓަނަށާއި ނިޔުޔޯކަށް ދިން ޓެރަރިސްޓް ޙަމަލާތަކާ ގުޅިގެންނެވެ. އެޝޮކާއެކު އެމެރިކާއާއި ޔޫރަޕްގެ 8 އެއާލައިން އެއް ބަނގުރޫޓު ވިއެވެ. އޭގެތެރޭގައި ސްވިސް އެއާ އާއި ސަބީނާ އެއާވޭޒް ހިމެނެ އެވެ. އެއަށް ފަހު 2008ގައި ދުނިޔެއަށް ކުރިމަތިވި މާލީ މައްސަލަތަކުގެ ސަބަބުން ވެސް ދުނިޔޭގެ އެކި އެއާލައިންސް ތަކަށް ޖުމްލަ 100 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބުނެވެ. އަދި ޔޫރަޕާއި އެމެރިކާގެ 14 އެއާލައިނެއް ބަނގުރޫޓްވިއެވެ.

އެއާލައިންސްތަކުގެ ބޯޓުތައް ގްރައުންޑް ކޮށްފައި
އެ ދެ ހާލަތުގައި އެމެރިކާއާއި ޔޫރަޕްގެ އެއާލައިންސްތައް ފިޔަވައި ދުނިޔޭގެ އެހެން އެއާލައިންސްތަކަށް އެހާބޮޑު އަސަރެއް ނުކުރެއެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ބައިނަލްއަގްވާމީ ވައިގެ ދަތުރުތަކަށް އެޅެމުންދާ ހުރަސްތަކުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ ވަރަށްގިނަ އެއާލައިންސްތަކެއް ހިމެނޭގޮތަށް ޖުމްލަ 113 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބޭނެކަމަށާ އެއީ ވައިގެ ދަތުރުފަތުރު 19 އިންސައްތައަށް ދަށްވުމުން ލިބޭނެ ގެއްލުމެއްކަމަށް ލިޒްކޯގެ ރިޕޯޓް ބުނެއެވެ. އެމެރިކާ މިދިޔަ ހުކުރު ދުވަހުވަނީ ޔޫރަޕުން އެގައުމަށް ކުރާ ވައިގެ ދަތުރު ފަތުރު މަނާކޮށްފަ އެވެ.
ލިޒްކޯގައި ޝާއިޢުކޮށްފައިވާ ރިޕޯޓް ލިޔުއްވި އިގްތިސާދީ ތަޖްރިބާކާރު ކަޒަވިއޭ ތިތެލްމަން ވިދާޅުވިގޮތުގައި ކޮވިޑް-19 ގެ ސަބަބުން މިހާރު އެންމެ ބޮޑަށް ގެއްލުމެއް ލިބެނީ ޗައިނާގެ އިތުރުން ޔޫރަޕާއި އެމެރިކާގެ އެއާލައިންސް ތަކަށެވެ. މި އެއާލައިންސްތަކުގެ 60 އިންސައްތައާއި 80 އިންސައްތަ އާ ދެމެދުގެ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ އިޤްތިޞާދަށް ކުރިމަތިވާ ކުއްލި ޝޮކް ކުޑަކުރުމަށްޓަކައި 37 ބިލިޔަން ޔޫރޯގެ އިންވެސްޓްމަންޓް އިނިޝިއޭޓިވް ޕެކެޖެއް ޔޫރަޕިޔަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮންޑެލެޔެން އިއްޔެވަނީ އިއުލާނު ކުރައްވާފައެވެ. މި އިނިޝިއޭޓިވްގެ ދަށުން މާލީ އެހީ ދިނުމަށް ހަމަޖެހިފައިވާ ޔޫރަޕްގެ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އިޓަލީ އާއި ނެދާލޭންޑްސް އަދި ސްޕޭން ހިމެނެއެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެކިގައުމުތަކުގެ އެއްލައްކަ ކުންފުންޏަށް މާލީ ގެއްލުން ލިބޭނެ ކަމަށާ އެކުންފުނިތަކަށް މާލީ އެހީ ދިނުމަށް ޔޫރަޕްގެ އިއްތިޙާދުން ނިންމާފައިވާ ކަމަށް ރޮއިޓާސް ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނެއެވެ. މިއީ ތެދު ރިޕޯޓެއްކަން ޔޫރަޕިޔަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮންޑެލެޔެން އިއްޔެވަނީ ކަށަވަރުކޮށްދެއްވާފައެވެ. މި އެއްލައްކަ ކުންފުނީގެ ތެރޭގައި މުޅިންވެސް ހިމެނެނީ ފަތުރުވެރިކަމާއި ރީޓެއިލް ވިޔަފާރިއާއި ވައިގެ ދަތުރު ފަތުރާއި ރެސޯޓްތަކާއި ރެސްޓޯރެންޓް ތަކުގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ކަމަށް ރޮއިޓާސްގެ ރިޕޯޓް ބުނެއެވެ. (ނޫސްއެޖެންސީތައް)