15 Mar 2020, 17:25
ކޮވިޑް-19 ވައިރަސް ކޮންޓްރޯލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޗައިނާއިން ފޯރުކޮށްދެވޭނެ އެހީތެރިކަމަށް ބަލައި ބޭނުންވާނެކަމަށް ލަފާކުރެވޭ ތަކެތީގެ ލިސްޓެއް އެކުލަވާލައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ދާދި ފަހުން ބުނެފައެވެ.
އެކަމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޗައިނާއަށް ދިމާވެފައިވާ ހިތާމަވެރި ދަނޑިވަޅުގައި ރާއްޖޭގެ ސަރުކާރުންނާއި އާންމުންގެ ފަރާތުން ލިބޭ ސަޕޯޓަށް ޝަކުރުކުރައްވާ ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަފީރު ޖަންގް ލިޖޮންގް މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ ވަރަށް މުހިއްމު ޕާޓްނަރެއް ކަމަށާއި އިތުބާރުކުރެވޭ އެކުވެރިއެއް ކަމަށެވެ.
މިއަދު ޖަންގް ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ އަދި ފެށުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެގައުމުގެ ދެމެދުގެ އޮތް ގުޅުން ވަރުގަދަކުރުމަށް އިތުރު މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުޅުމުން ސަރުކާރުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ބުނެ މީގެކުރީން ވަނީ ވާހަކަތަކެއް ދެކެވިފައެވެ. ނަމަވެސް ޖަންގް ވިދާޅުވީ ދެގައުމުން ދަނީ ގުޅިގެން މަސައްކަތްކުރަމުން ކަމަށެވެ.