ކޮރޯނާވައިރަހަށް ޝައްކުކުރެވޭ ބަޔަކު ފެނިގެން މޮނީޓަރިން ހާލަތަށް ގެނައި ސަފާރީ އުޅަނދުން ކޮރޯނާއަށް ދެ މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއާއެކު ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މި ވަނީ 13 އަށް އަރާފައެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ "އައިލެންޑް ސަފާރީ 1" ނަމަކަށް ކިޔާ ސަފާރީއިން ބައްޔަށް ޝައްކު ކުރެވޭ ދެ މީހަކު ޓެސްޓުކުރުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ސަފާރީ އޮތީ އައިސޮލޭޓު ކޮށްފައި ކަމަށެވެ.

"ސަފާރީ އޮތީ ކަރަންޓީނުގެ ހާލަތުގައި. އިތުރ ުފަރާތެއް އަރައި ފޭބުމުގެ ހުއްދައެއް ނޯންނާނެ މެޑިކަލް ޕްރޮފެޝަނަލުން ފިޔަވައި،" މަބްރޫކް ވިދާޅުވިއެވެ.

އެ ސަފާރީ އޮތީ ފުވައްމުލައް ސަރަހައްދުގައިކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އައިލެންޑް ސަފާރީ ފުވައްމުލައް ސަރަހައްދުގައި އެންމެ ފަހުން އޮތްކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތަކީ އޭތި ދަތުރުކުރާނީ ތަންކޮޅެއް ރަނގަޅަށް ކްރިޓިކަލް ކެއާ ދެވޭކަހަލަ ތަނަކާ ދިމާއަށް. އެތަނެއްގެ ފަޅުތެރޭ އޮވެގެން މަސައްކަތް ކުރެވޭ ގޮތަކަށް،" މަބްރޫކް ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ފެނިފައިވާއިރު އޭގެ ތެރެއިން ދެ މީހަކު ތިބީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.