ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ހެނދުނު ދަންފަޅީގެ ބައްދަލުވުން ބޯއިކޮޓްކޮށް، އިދިކޮޅު މެންބަރުންނާއި ބައެއް އަމިއްލަ މެންބަރުން ކޮމިޓީގެ ބައްދަލުވުމުން ނިކުމެވަޑައިގެންފި އެވެ.

ބަޖެޓް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، އިދިކޮޅު ޕީޕީއެމްގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މިއަދު ވިދާޅުވީ ޑީއާރުޕީ އާއި ޕީޕީއެމާއި މިނިވަން ބައެއް މެންބަރުން ބަޖެޓް ކޮމިޓީގެ ބައްދަލުވުމުން ނިކުމެވަޑައިގެންނެވީ، ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް ކޮމިޓީ އަށް ހާޒިރު ކުރައްވައިގެން ބަޖެޓާ ބެހޭ ގޮތުން މެންބަރުން ކުރައްވަމުން ގެންދަވާ ސުވާލުތަކަށް ޖަވާބު ނުދެއްވާތީ ކަމަށެވެ.

"ބަޖެޓުން ކޮށްފައި ހުރި ހަރަދުގެ މައުލޫމާތު ސާފު ކުރުމަށް ވޭތުވެ ދިޔަ ދެ ދުވަހު ވެސް އަޅުގަނޑުމެން ކުރި ސުވާލުތަކަށް ފިނޭންސް މިނިސްޓަރު ޖަވާބެއް ނުދެއްވާ. އަޅުގަނޑުމެން މި ދަންނަވަނީ ބަޖެޓްގައި ނުހިމެނޭ އައިޓަމްތަކުގެ ތެރެއިން އެތައް މިލިޔަން ރުފިޔާއެއް އެއޮތީ ހެލްތު ކޯޕަރޭޝަންތަކާއި ޔުޓިލިޓީސް ކުންފުނިތަކަށާއި އެމްއެން ބީސީއަށް ދޫކޮށްފައި. އެއީ ކިހިނެއްވެގެން ދޫކޮށްފައިވާ ފައިސާއެއްތޯ ސުވާލުކޮށްކޮށް ޖަވާބެއް ނުދިން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ބަޖެޓާ ބެހޭ ގޮތުން މެންބަރުން ސުވާލު ކުރެއްވުމުން، ފައިސާ ލިބޭނެ ގޮތްތައް މަޖިލީހުން ދައްކައި ދިނުމަށާއި މަޖިލީހުން ފައިސާ ދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. އަދި މަޖިލީހުން ގެންނަ އެއްވެސް ބަދަލަކަށް ހުރުމަތްތެރިކޮށް ނުހިއްތަވާނެ ވާހަކަ އާއި އެއާ އެއްގޮތަށް އަމަލު ނުކުރައްވާނެ ވާހަކަ އިނާޒު ވިދަޅުވަމުންގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަޖެޓަށް ރައްޔިތުންގެ މަޖިލީހުން ގެންނަން ފެންނަ އުނި އިތުރެއް ގެނެވިދާނެ ކަމަށާއި އުނި އިތުރެއް ނުގެނެސް ވެސް ބަޖެޓް ފާސް ކުރެވިދާނެ ކަމަށް ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބުނެފައި، މަޖިލީހުން ބަޖެޓްގައި ހިމަނާ ރެކޮމެންޑޭޝަންތަކަކީ ސަރުކާރުން އަމަލު ކުރަން ޖެހޭނެ އެއްޗެސްކަމަށް މާލިއްޔަތުގެ ގާނޫނުގައި ބުނާ އިރު، މިއަހަރުގެ ބަޖެޓްގައި މަސްވެރިންނަށް ކަނޑައެޅި ފައިސާގެ ވާހަކަ ދެއްކުމުން ވެސް މަޖިލީހުން ފައިސާ ދިނުމަށް މިނިސްޓަރު އެދިވަޑައިގަންނަވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ކޮމިޓީ އަށް ބަރާބަރަށް މައުލޫމާތުދޭ ކަމަށް ވިދާޅުވަމުން ގެންދެވީމާ. ކަންނުވެ ނަންވަމުން ދަނީ. އެ މައުލޫމާތު ދިންކަމުގެ ކްރެޑިޓް ނަންގަވައި ކޮމިޓީ އަށް މައުލޫމާތުދޭ ކަން ހާމަވެގެންދާތީ ކޮމިޓީ ބައްދަލުވުންދޫކޮށް ނިކުތީ. މައުލޫމާތު ނުލިބެންޏާ ތިބުމުގެ ބޭނުމެއްނެތް،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ފިނޭންސް މިނިސްޓަރާ އެކު ކޮމިޓީގެ ބައްދަލުވުންތަކުގައި އިދިކޮޅު ޕާލަމެންޓޭރިއަނުން ބައިވެރިވާނެތޯ ނިންމާނީ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. އެ މެންބަރުން ނިކުންނެވުމުން ކޮމިޓީގެ ބައްދަލުވުން ނިންމާލައްވާފައިވާ ކަމަށާއި އަލުން ބައްދަލުވުން އޮނާނެ ވަގުތެއް އެނގިވަޑައިގަންނަވާނީ ކޮމިޓީގެ މުގައްރިރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑީއާރުޕީގެ މެންބަރު މެދު ހެންވޭރު ދިއިރާގެ އަލީ އާޒިމް ވިދާޅުވީ ބަޖެޓް ކޮމިޓީގެ ބައްދަލުވުން ދޫ ކުރައްވައި ނިކުންނެވީ، ފިނޭންސް މިނިސްޓަރާ ކުރައްވާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ޖަލްސާއެއްގައި އިންނެވުމަކީ ބޭނުން ނެތް ކަމަކަށް ވާތީ ކަމުގަ އެވެ. އަދި މި އަހަރުގެ ބަޖެޓްގައި ދިނުމަށް ކަނޑައެޅި ސިވިލްސާވިސްގެ އުނިކުރި މުސާރަ އާއި މަސްވެރިންނަށް ދޭން ކަނޑައެޅި ސަބްސިޑީ ފަދަ ފައިސާތައް ދީފައި ނުވުމާއި ސަރުކާރުގެ ހަރަދާ ބެހޭ ގޮތުން ކުރައްވާ ސުވާލުތަކަށް ފިނޭންސް މިނިސްޓަރު އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިނިސްޓަރު ޖަވާބު ދެއްވާ ބައްދަލުވުންތައް ބޮއިކޯޓްކުރެއްވި ނަމަވެސް ބަޖެޓާ ބެހޭ ގޮތުން އެ މެންބަރުން ވާހަކަ ދައްވަން ޖެހިވަޑައިގަންނަވާ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.