ކޮރޯނާވައިރަހުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް، ބޭންކް ލޯނުގެ އިންޓްރެސްޓް ރޭޓު ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށްގޮސް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދުވެލި، 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާމަކުރައްވައިފަ އެވެ.

މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޓްރެސްޓް ރޭޓުތައް ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަކީ މި ދަނޑިވަޅުގައި ވިޔަފާރިތައް ހިންގުން ޔަގީން ކުރަން މުހިންމު ކަމެއް ކަމަށެވެ.

އޭގެ ސަބަބުން ވަޒީފާގައި މީހުން ބޭތިއްބުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ވިޔަފާރިތައް އިނދަޖެހުނަ ނުދީ ދެމެހެއްޓުމަށްޓަކައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންވާ ފަދަ ރޭޓުތަކާއި ކޮންޑިޝަންތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތްތަކުގެ ތަފްސީލެއް އަވަސް މުސްތަގްބަލެއްގައި ދެއްވާނެ ކަމަށެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް މިއަހަރުގެ ތެރޭގައި 22.8 ޕަސެންޓް ދަށަށް ދާނެ ކަމަށެވެ. މިދިޔަ ޖަނަވަރީ 26އިން ފެށިގެން މިހާތަނަށް 161،740 ބެޑްނައިޓް ކެންސަލްވެފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.