15 Mar 2020, 14:41
އެއްވެސް ޒާތެއްގެ ކޮރޯނާވައިރަހެއް ހަށިގަނޑުގައި ހުރިކަން ކަށަވަރު ކުރުމަށް ބޭނުން ކުރާ އިތުރު 5،000 ޓެސްޓް ކިޓު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަވާލުކޮށްފި އެވެ.
ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޓެސްޓް ކިޓުތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ރިޕްރެޒެންޓެޓިވް ޑރ. އަރުވިންދު މަތުރު އެވެ.
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މީގެ ކުރިން ވަނީ 1،000 މީހުންގެ ޓެސްޓް ހެދޭނެ ކިޓުތަކެއް ހަދިޔާކޮށްފަ އެވެ. ކޮރޯނާވައިރަހަށް ޓެސްޓް ހަދަމުން ދަނީ އައިޖީއެމްއެޗްގެ ލެބޯޓްރީގަ އެވެ.
އެ ރަސްމިއްޔާތަށްފަހު ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޓެސްޓްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދޭ ކަމަށާއި އެކަންތައްތައް ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ތައްޔާރުވަމުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން އެ ވައިރަސް އަށް އަމަލުކުރާނެ ގައިޑްލައިނާއެކުގައި ދެން ގެންނަން ޖެހޭ ބަދަލުތަކާއެކު އެތަންތަނުގެ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި،" އަމީން ވިދާޅުވި އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ކައުންސިލުތަކާއި އެހެން ވުޒާރާތަކުގެ މަސްއޫލިއްޔަތުތައް ހަރުދަނާކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. އަރުވިންދު ވިދާޅުވީ ކޮރޯނާވައިރަހަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަކީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރަމުން ގެންދާ މަސައްކަތްތަކެއް ކަމަށެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލުކުރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ބެލުމަށްޓަކަށް މިނިސްޓްރީތަކާއި އޭޖެންސީތަކާ ގުޅިގެން މަޝްވަރާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.