15 Mar 2020, 13:28
ފިޝަރީޒް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއަހަރުގެ ފުރަތަމަ ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ރ. ހުޅުދުއްފާރުގައެވެ.
ދެ ބުރަކަށް ބަހާލައިގެން މި މަހުގެ 7-12 އަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގައި ކޮންމެ ބުރެއްގައި 16 ބައިވެރިން ހިމެނޭ ގޮތަށް ޖުމުލަ 32 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ޕްރޮގްރާމުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ތަމްރީނުކޮށްފައިވަނީ ލޭނުމަސްވެރިކަމާއި ތުތިބޯވަދިލަމަހުގެ މަސްވެރިކަމުންނެވެ.
އެ ޕްރޮގްރާމުގައި ބައިވެރިން ތަމްރީނު ކުރުމަށް ބޭނުންކޮށްފައިވަނީ މިނިސްޓްރީގައި އެކަމަށް ހާއްސަކޮށްފައިވާ "ރީނދޫ އުރަހަ" ދޯންޏެވެ. މިއީ އެ ދެ ބާވަތުގެ މަސްވެރިކަމަށް ބޭނުންކުރާ އާލާތްތަކާއި ސާމާނުތަކާއެކު ފުރިހަމައަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް މަސްވެރިކަމުގެ ދާއިރާއިން ގިނަ އަދަދެއްގެ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.