15 Mar 2020, 13:22
ކޮރޯނާވައިރަހާ ދެކޮޅަށް އަޅާ ފިޔަވާޅުތައް ހަރުކަށިކޮށް ސްރީލަންކާ އިން ރާއްޖެއަށް ދެމުން ދިޔަ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފިއެވެ.
ފޮރިން މިނިސްޓްރީއިން ބުނީ ލަންކާއަކީ ދިވެހިންގެ ވަރަށް ގިނަ ބަޔަކު އުޅޭ ގައުމަކަށް ވެފައި އެކި ބޭނުންތަކަށް، ހާއްސަކޮށް ސިއްހީ ބޭނުމަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ގައުމަކީ ލަންކާ ކަމަށާއި ކޮންމެހެން ލަންކާ އަށް ދާން ޖެހއިްޖެ ނަމަ އެ ގައުމުގެ އިލެކްޓްރޯނިކް ވިސާ އޮތޯރިޓީގެ ވެބްސައިޓް (www.eta.lk) މެދުވެރިކޮށް ވިސާ ނަގަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، އެވަގުތެއްގައި ދަތުރުފަށާ ގައުމެއްގެ ހާލަތަށް ބަލާފައި، ހުރިހާ ދަތުރުވެރިންވެސް 14 ދުވަހުގެ ކަރަންޓިންގައި ތިބެންޖެހުން އެކަށީގެންވާކަމަށް ވެސް ސްރީލަންކާ ސަރުކާރުން އަންގާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.
އެ މިނިސްޓްރީ އިން ވަނީ ލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހިން ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަށްވެސް މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގައި ހަލުވި ކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާއިރު އެ ގައުމުގައި އުޅޭ ދިވެހިން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ރެޖިސްޓްރީވާން ވަނީ އެދިފައެވެ.
ލަންކާއިން މިހާތަނަށް ކޮރޯނާ ޖެހިފައިވާ 10 މީހަކު ވަނީ ފެނިފައެވެ.