15 Mar 2020, 14:18
ކޮވިޑް19 ގެ ސަބަބުން ސްކޫލުތައް ނުހުޅުވި އިތުރަށް ލަސްވެދާނެ ހާލަތެއް އަތުވެދާނެ ކަމަށް ބަލައި ހުރިހާ ގްރޭޑަކަށް އޮންލައިންކޮށް ކިޔަވައިދެވޭނެ ގޮތަށް ސްކީމް ތައްޔާރުކުރުމުގެ މަސައްކަތް އެޑިއުކޭޝަނުން ފަށައިފި އެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސްކޫލުތައް ހުޅުވުން ލަސްކޮށްފައިވާތީ، ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތްތައް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ
އެގޮތުން ގްރޭޑް 10 ގެ ދަރިވަރުންނާއި މި އަހަރު އޭއެސް އިމްތިހާނުގައި އިށީންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ޕީއެސްއެމްގެ ޔެސް ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދާ "ޓެލި ކިލާސް" ޕްރޮގްރާމް މިއަދު ވަނީ ފަށައިފަ އެވެ.
އެ ޕްރޮގްރާމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ "ޓެލި ކިލާސް"ގެ ދަށުން އެ ގްރޭޑްތަކުގެ ހުރިހާ މާއްދާއެއްގެ ހުރިހާ ފިލާވަޅެއް ތާވަލެއްގެ ދަށުން ދައްކަމުން ގެންދާނެ ކަމަށެވެ.
ޓީވީ މެދުވެރިކޮށް ކްލާސްތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އާ ހަމައަށެވެ. ކޮންމެ ދުވަހަކު ވެސް ކްލާސް ފެށުމުގެ ކުރިން އެ ދުވަހެއްގެ ޓައިމްޓޭބަލް އެޑިއުކޭޝަން މިނިސްޓްރީގެ ޓުވިޓާ، ފޭސްބުކްގެ އިތުރުން ސްކޫލުތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވެސް ބަލާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓީވީން ކޮންމެ ދުވަހަކު ވެސް ފިލާވަޅުތައް ދައްކާނީ ކުރިން ރެކޯޑު ކޮށްގެންނެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް މެންދުނު 1:00-2:00 އަށް، ފިލާވަޅުތަކާ ގުޅޭގޮތުން ކުދިންނަށް ސުވާލު ކުރެވޭ އިންޓަރެކްޓިވް ސެޝަނެއް ކުރިއަށް ގެންދާނެ އެވެ.
އެ ސެޝަންގައި ފޯނުން ގުޅައިގެން ނުވަތަ އެޑިއުކޭޝަންގެ ހާއްސަ ލިންކެއް މެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލާނެ ކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު މުހައްމަދު އިހުސާން ވިދާޅުވީ، ޔެސް ޓީވީ މެދުވެރިކޮށް އެހެން ގްރޭޑްތަކުގެ ކުދިންނަށް ވެސް ފިލާވަޅުތައް ނަގައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކިޔެވުން މެދުކަނޑާލާފައި އޮތް ހާލަތު ދިގުދެމިގެންދާނެ ކަމަށް ބަލައި، އެ ހާލަތައް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އެގޮތުން އެ ހާލަތުގައި ބޭނުންކުރާނެ ހާއްސަ ސްކީމެއް މުދައްރިސުން އެކުލަވާނެ. ކޮންމެ މާއްދާއަކަށް ހާއްދަ ސްކީމެއް. އެ ސްކީމުގެ ދަށުން ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާނެ ޑިޖިޓަލް ވަސީލަތްތައް މުދައްރިސުން ތައްޔާރު ކުރާނެ،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މުދައްރިސުން ތައްޔާރުކުރާ ވަސީލަތްތައް ދަރިވަރުންނާ ހަމައަށް ފޯރުކޮށްދޭނީ އެޑިއުކޭޝަނުން ތައްޔާރުކޮށްފައިވާ ވެބް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެކަމުގައި މުދައްރިސުންނަށް ބޭނުންވާ އިތުރު އެހީތެރިކަން ވެސް ތަޖުރިބާކާރުން މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ގްރޭޑް 10 ގެ ދަރިވަރުންނާއި މެއި ޖޫން މަހު އޮންނަ އޭލެވެލް އިމްތިހާނުގައި އިށީންނަ ދަރިވަރުންނަށް ހާއްސަކޮށް ޕްރޮގްރާމް ގެނެސްދޭން ފެށީ، އިމްތިހާނަށް އެކުދިން ތައްޔާރުކުރުމުގެ މުހިންމުކަން ބޮޑުވުމުން ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ ވީހާވެސް ގިނަ ކުދިންނަށް ފިލާވަޅުތައް ފޯރުކޮށްދިނުން ކަމަށާއި، ޓީވީ މެދުވެރިކޮށް ކްލާސް ނަގައިދޭން އިސްކަން ދެނީ ބައެއް ކުދިންނަށް އިންޓަނެޓު ނުލިބޭތީ ކަމަށެވެ.
ޔެސްޓީވީ ނުލިބެނީ މީޑިއާނެޓްގެ ވަޔަލަސް ޕެކޭޖުން އެކަންޏެވެ. ނަމަވެސް މިހާރު މީޑިއާނެޓާ މަޝްވަރާކޮށް މާދަމާއިން ފެށިގެން އެ ޕެކޭޖުން ވެސް ޔެސް ޓީވީ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި ޔުނެސްކޯގެ 72 މެމްބަރު ގައުމުގެ އެޑިއުކޭޝަން މިނިސްޓަރުންނާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ވެސް އެންމެ ބޮޑު މައްސަލައަކަށް ގިނަ މިނިސްޓަރުން ފާހަގަކުރީ ހުރިހާ ކުދިންނަށް އެކްސެސް ވެވޭނެ ގޮތްތައް ހޯދުން ކަމަށެވެ.
"އެބޭފުޅުންގެ ތަޖުރިބާއާ އެއްކޮށް ޓެކްނިކަލް އެހީތެރިކަން ވެސް އެބަ ލިބޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓީވީގެ އިތުރުން ރޭޑިއޯ މެދުވެރިކޮށް ވެސް ފިލާވަޅުތައް ގެނެސްދިނުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޮންލައިންކޮށް ކްލާސްތައް ގެނެސްދިނުމާ ގުޅޭގޮތުން ދިރާގާ އެކު ވެސް އެޑިއުކޭޝަނުން ވަނީ މަޝްވަރާކޮށްފަ އެވެ.