12 Dec 2011, 10:50
ހއ. ބާރަށު ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގައި އެ މަރުކަޒުގެ ގޯތި ތެރެއަށް އެއްލާފައި އޮއްވާ ފެނިއްޖެ އެވެ.
ބާރަށު ކައުންސިލުން މިއަދު ބުނީ ސިއްހީ މަރުކަޒުގެ ތިޖޫރީ، ރޭ ވަގަށް ނެގުމަށްފަހު އެ މަރުކަޒުގެ ގޯތިތެރެއަށް އެއްލާފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ކަމަށެވެ.
ތިޖޫރީ ވަގަށް ނެގި އިރު އެ ތިޖޫރީގައި ހުރީ ކިހާ ފައިސާއެއް ކަމެއް އަދި ތިޖޫރީ ގޯތިތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އިރު މަދުވެފައި ހުރީ ކިހާ ފައިސާއެއް ކަމެއް ވެސް ކައުންސިލަކުން ނުބުނެ އެވެ.
ބާރަށު ސިއްހީ މަރުކަޒުން ބުނީ ވަގަށް ނަގައި އެއްލައިލި ތިޖޫރީއާ ބެހޭ އެއްވެސް މައުލޫމާތެއް ދެވޭނީ ހަމައެކަނި ހެލްތު ކޯޕަރޭޝަނަށް ކަމަށެވެ.
އަޕާ ނޯތު ހެލްތު ސާވިސަސް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓާ ބަދުރުއްދީން ހަސަން މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި ބާރަށު ސިއްހީ މަރުކަޒުގެ ތިޖުރީ ވަގަށް ނަގާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ. އޭނާ ވެސް އިތުރު ތަފުސީލެއް ނުދެއްވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބާރަށު ސިއްހީ މަރުކަޒުގެ ތިޖޫރީ ރޭ ވަގަށް ނަގައި ހަލާކުކޮށްލުމަށް ފަހު އެއްލާފައި އޮވާ މިއަދު ފެނުނު އިރު ފައިސާ ހުރިކަން ވެސް އަދި ނެތްކަން ވެސް ނޭނގޭ ކަމަށެވެ. އެއްޗެއް ދަންނަވަން އެނގޭނީ ތަހުގީގަށް ފަހު ކަމަށެވެ.
އަދި ވިދާޅުވީ ފުލުހުންގެ ޓީމެއް ބާރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.