ކެންބެރާ (މާޗް 15): އޮސްޓްރޭލިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، މިރެއިން ފެށިގެން އެގައުމަށް ދާ އެންމެން 14 ދުވަހަށް އަމިއްލައަށް އެކަހެރިވާން އަންގައިފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވި ގޮތުގައި އެ ފިޔަވަޅު އަޅަން ނިންމީ، ބޭރު ގައުމުތަކުން އަންނަ މީހުންގެ ފަރާތުން ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައެވެ.

"ފާއިތުވި ހަފްތާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިފައި ވަނީ ވައިރަސް ފެތުރޭ ގައުމުތައް އިތުރުވަމުންދާ ތަން. މާނައަކީ ގިނަ އަދަދެއްގެ ގައުމުތަކުން [އެހެން ގައުމުތަކަށް] ވައިރަސް ފެތުރެމުންދާކަން. އެހެންކަމުން މިއީ ވަރަށް މުހިންމު ފިޔަވަޅެއް،" މޮރިސަން ވިދާޅުވިއެވެ.

މީގެ އިތުރުން އޮސްޓްރޭލިއާއިން ވަނީ ބޭރުގެ ކްރޫޒް ލައިނާތައް އެގައުމުގައި ބަނދަރު ކުރުން 30 ދުވަހަށް މަނާކޮށްފަ އެވެ. އަދި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ގިނަ މީހުން އެއް ތަނަކަށް އެއްވެ، ގައިގޯޅިވެ ނޫޅުމަށް ބޮޑުވަޒީރު ވަނީ އެދިލައްވާފައެވެ.

އޮސްޓްރޭލިއާގެ އިތުރުން އެގައުމުގެ އަވަށްޓެރި ނިއުޒީލެންޑާއި އިސްރާއީލުންވެސް ވަނީ އެގައުމުތަކަށް ބޭރު ގައުމުތަކުންދާ މީހުން 14 ދުވަހަށް އެކަހެރިވާން އަންގާފައެވެ.

އޮސްޓްރޭލިއާގައި 262 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ތިން މީހަކު ވަނީ މަރުވެފައެވެ. އަދި ވައިރަސް ޖެހުނު މީހުންގެ ތެރޭގައި އެގައުމުގެ ހޯމް މިނިސްޓަރު ޕީޓާ ޑަޓަންވެސް ހިމެނެއެވެ.