ކޮރޯނާވައިރަހާ ދެކޮޅަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އައުޓް-ޕޭޝަންޓް ކޮންސަލްޓޭޝަނަށް ދާ މީހުންގެ ތެރެއިން ބަލީގެ އަލާމަތްތައް ފެންނަ މީހުންނަށް ހިލޭ އީއާރު ކޮންސަލްޓޭޝަން ފޯރުކޮށްދޭން ނިންމައިފި އެވެ.

ޓްރީޓޮޕުން ބުނީ މިއީ ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން މި މަހުގެ 12ވަނަ ދުވަހު އަމަލުކުރަން ފެށި އާ އުސޫލުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.

"އައުޓް-ޕޭޝަންޓް ކޮންސަލްޓޭޝަންތަކަށް ވަޑައިގަންނަވާ މެހެމާނުންގެ ތެރެއިން ހުން، ރޯގާ، ފްލޫ، ނޭވާލާ ނިޒާމުގެ ބަލިތައް އަދި ކޮވިޑް-19 ވައިރަސްގެ އަލާމާތްތައް ހުންނަ މެހެމާނުން އެމަޖެންސީ ރޫމަށް ގެންގޮސްދިނުމުގެ އިތުރުން ހިލޭ އީއާރު ކޮންސަލްޓޭޝަން ލިބިވަޑައިގަންނަވާނެ،" ޓްރީ ޓޮޕުން ބުނެ އެވެ.

ޓްރީ ޓޮޕުން ބުނީ ހުރިހާ ޕޭޝަންޓުން ވެސް ދަތުރުކުރި ތަންތަނާ ބެހޭގޮތުން ހާއްސަ ފޯމެއް ފުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޓްރީ ޓޮޕްގައި ބަލިމީހުންނަށް ޒިޔާރަތްކުރާ ވަގުތުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން އިން-ޕޭޝަންޓް ޕްރައިވެޓް ރޫމްސް އަދި ސުއީޓްސް އަށް ޒިޔާރަތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތުތަކަކީ ހެނދުނު 11:00 އިން މެންދުރު 12:00އަށް އަދި ހަވީރު 18:00 އިން ރޭގަނޑު 19:00އާ ހަމައަށެވެ.

ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ފަހަރަކު އެކަކު ޒިޔާރަތް ކުރުމަށާއި 14 އަހަރުން ދަށުގެ ކުޑަކުދިން އެ ސަރަހައްދުތަކަށް ޒިޔާރަތް ނުކުރުމަށް ވެސް ޓްރީ ޓޮޕުން އިލްތިމާސް ކުރެ އެވެ.

ޓްރީ ޓޮޕްއިން ބުނީ އެ ހޮސްޕިޓަލުން އަބަދުވެސް އެންމެ އިސްކަންދޭނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.