މެޑްރިޑް (15 މާޗް 2020) : ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ އަނބިކަނބަލުން ބެގޯނާ ގޮމޭޒް އަށް ކޮވިޑް-19 ވައިރަސް ޖެހިއްޖެ އެވެ.

ސްޕޭންގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ ސަންޗޭޒްގެ އަނބިކަނބަލުން ނަށް ކޮވިޑް-19 ޖެހުނު ނަމަވެސް ސަންޗޭޒް އަށް އެ ވައިރަސް ނުޖެހޭކަމަށާ ދެކަނބަލުންގެ ހާލުކޮޅު ރަނގަނޅު ކަމުގަ އެވެ. ގޮމޭޒް އެ ރޯގާއަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށާއި މި އާއެކު އެ ދެބޭފުޅު ވެސް ތިއްބެވީ ސިއްޙީ އެކަހެރި ކަމުގައި (ކަރަންޓީނުގައި) ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވެ އެވެ.

ސްޕޭނަކީ އިޓަލީއަށް ފަހު ޔޫރަޕްގައި އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދާ ގައުމެވެ. އިޓަލީގައި 21،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު 1441 މީހުން މަރުވެފައިވެ އެވެ. ސްޕޭނަށް ބަލާއިރު 6،000 މީހުންނަށް ކޮވިޑް-19 ޖެހި 195 މީހުން މަރުވެފައިވެ އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ވަނީ ކޮވިޑް-19 ވައިރަސް ފެތުރުމުގެ މައި މަރުކަޒަކީ މިހާރު ޔޫރަޕްގެ ބައްރު ކަމަށް ބުނެފަ އެވެ. ޑަބްލިޔޫއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޮސް އެދަނަމް ގެބްރިޔޭސުސް ވިދާޅުވީ ކޮވިޑް-19 ވައިރަސްގެ މައި މަރުކަޒަކަށް މިހާރު ވެފައި ވަނީ ޔޫރަޕްގެ ގައުމުތައް ކަމަށާއި ޔޫރަޕްގައި ކޮވިޑް-19ގެ ކަންތައް ބިރުވެރި ޙާލަތަކަށް ދާން ފަށާފައިވާ ކަމުގަ އެވެ. ޔޫރަޕްގެ ގައުމުތަކުގެ އާބާދީގައި މުސްކުޅިންގެ ނިސްބަތް ގިނަ ކަމުން ކޮވިޑް-19ގެ ސަބަބުން ޔޫރަޕްގައި މަރުވާ މީހުންގެ އަދަދު މަތިވުމުގެ ބިރު ބޮޑު ކަމަށްވެސް ޑަބްލިޔޫއެޗްއޯގެ ތަޖްރިބާކާރުން ވިދާޅުވެ އެވެ.

ކޮވިޑް-19 ޖެހުމުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުން މިހާތަނަށް 5،000 މީހުން މަރުވެފައިވާ އިރު މީގެތެރޭގައި އެންމެ ގިނައީ ޗައިނާއިން މަރުވި މީހުންނެވެ. ޗައިނާ އިން 3،000 ހާހަށް ވުރެ ގިނަ މީހުން މަރުވި ނަމަވެސް ޗައިނާގައި މިހާރު ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވާތީ އެ ރޯގައި މިހާރު އެންމެ ގިނަ ބަޔަކު މަރުވަމުން ދަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ދެން އީރާނުންނެވެ. އިޓަލީ ފިޔަވައި ދެން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައި ވަނީ އީރާނުގަ އެވެ. މެދުއިރުމައްޗަށް ބަލާއިރު ކޮވިޑް-19 ވައިރަސްގެ މަރުކަޒަކަށް ވެފައިވަނީ އީރާނެވެ.

ޔޫރަޕަށް ބަލާއިރު ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީގެ ލޮމްބާޑީގައި އެރޯގައި މަރުވި މީހުންގެ ޢަދަދު މިދިޔަ ހުކުރު ދުވަހު ވަނީ 744 ން 890 އަށް އައްސަތޭކަ ނުވަދިހައަށް އަރާފައެވެ. ކޮވިޑް-19ގެ ސަބަބުން ޔޫރަޕްގެ އިޤްތިޞާދަށް ކުރިމަތިވާ ކުއްލި ޝޮކް ކުޑަކުރުމަށްޓަކައި 37 ބިލިޔަން ޔޫރޯގެ އިންވެސްޓްމަންޓް އިނިޝިއޭޓިވް ޕެކެޖެއް ޔޫރަޕިޔަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮންޑެލެޔެން އިއްޔެވަނީ އިއުލާނުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)