15 Mar 2020, 10:33
މާލެ އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ދިގު ރިސޯޓުން، އިތުރު ބިދޭސީއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ އެވެ. އެއާ އެކު، މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11 އަށް އަރައިފަ އެވެ.
އެޗްޕީއޭ އިން ބުނީ އަނަންތަރާ ދިގު ރިސޯޓުން ޕޮޒިޓިވްވި މީހާ ހުރީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ކަމަށެވެ.
ރާއްޖެއިން ކޮރޯނާ އަށް ޕޮޒިޓިވްވި ފުރަތަމަ ދެ ކޭސް ފެނިފައިވަނީ ކުރެއްދޫ އިންނެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއަކު އެނބުރި ގައުމަށް ގޮސް، އޭނާ އަށް ބަލި ޖެހިފައިވާކަން އަންގާފައިވަނިކޮށް ކުރެއްދޫ އިން ބައްޔަށް ޕޮޒިޓިވް ވި ދެ މީހުން ފެނުނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.
ކުރެއްދޫ ގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށް، އައިސޮލޭޓު ކުރަންޖެހޭ މީހުން ރަށުގެ ވަކި ސަރަހައްދެއްގައި ވަނީ އައިސޮލޭޓު ކޮށްފައެވެ.
ކުރެއްދޫ އިން މިހާތަނަށް ކޮރޯނާގެ ފަސް ކޭސް ފެނިފައިވާއިރު ބަތަލާ އިންް ދެ ކޭސް، ކުރަމަތިން ދެ ކޭސް އަދި އަނަންތަރާ ދިގު ރިސޯޓުން ދެ ކޭސް ވަނީ ފެނިފައެވެ. މި ހުރިހާ މީހުންނަކީވެސް ބިދޭސިންނެވެ.
ރާއްޖެއިން ބަލި ފެނުނު ރިސޯޓުތަކާއި ބައްޔަށް ޝައްކު ކުރެވޭ މީހުން ތިބި ރިސޯޓުތައް އޮތީ މޮނީޓަރިންގައެވެ.
ރާއްޖޭގައި މިވަގުތު އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާއިރު މާލެ ސަރަހައްދުގެ ގެސްޓުހައުސްތަކަށް ފަތުރުވެރިން ގެނައުންވެސް ދެ ހަފްތާގެ މުއްދަތަށް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން އިޓަލީއާއި ސްޕެއިން އަދި ބަންގްލަދޭޝްއިން އަންނަ މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން ވަނީ މަނާކޮށްފައެވެ. ފްރާންސް އާއި ޖަރުމަނު އަދި ސައުތު ކޮރެއާގެ ބައެއް ސަރަހައްދުތަކުން މީހުން އައުންވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.
ކޮރޯނާއާ ގުޅިގެން އަޅާފައިވާ އަނެއް ފިޔަވަޅަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ރިސޯޓުތަކަށް މީހުންދިޔުން މަނާކުރުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން މަނާކުރުމެވެ.