ވޮޝިންޓަން (މާޗް 15): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުން ނެގެޓިވްވެފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ ޑޮކްޓަރު ޝޯން ކޮންލީ ވިދާޅުވި ގޮތުގައި ޓްރަމްޕް ވައިރަހަށް ޓެސްޓު ކުރެއްވީ ވައިރަހަށް ޕޮޒިޓިވްވި ދެ މީހަކާ ބައްދަލުވިތާ ހަފްތާއެއް ފަހުން، މިދިޔަ ހުކުރު ދުވަހުގަ އެވެ. އެއީ ޓްރަމްޕް ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯއާ ބައްދަލު ކުރެއްވި އިރު ބްރެޒިލްގެ ޑެލިގޭޝަނުގައި ހިމެނުނު ދެ މީހެކެވެ.

"ބްރެޒިލް ޑެލިގޭޝަނާ އެކު ފަރިއްކުޅުއްވިތާ އެއް ހަފްތާ ފަހުން ރައީސްގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނޭ... މިއަދު [ރައީސްގެ] ޓެސްޓު ނެގެޓިވްވެފައިވާކަން ވަނީ ޔަގީންވެފައި،" އިއްޔެ ކޮންލީ ވިދާޅުވި އެވެ.

އެމެރިކާއަށް ދިޔަ ބްރެޒިލްގެ ޑެލިގޭޝަނުން ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ރައީސް ބޮލްސޮނާރޯގެ ޕްރެސް ސެކްރެޓަރީ އާއި ބްރެެޒިލްއިން އެމެރިކާއަށް އައްޔަންކޮށްފައި ހުންނަ ސަފީރު ހިމެނެ އެވެ.

ރައީސް ބޮލްސޮނާރޯ ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކަމަށް ބްރެޒިލްގެ މީީޑިއާ އަކާއި ފޮކްސް ނިއުސްއިން ރިޕޯޓު ކުރި ނަމަވެސް އޭނާ ވަނީ އެ ރިޕޯޓުތައް ދޮގު ކުރައްވައި ވައިރަހަށް ނެގެޓިވްވި ކަމަށް ވިދާޅުވެފަ އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އެކި ގައުމުތަކުގެ އިސް ބޭފުޅުންގެ ތެރޭގައި ކެނެޑާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ސޯފީ ޓްރޫޑޯ އާއި ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ބެގޯނިޔާ ގޯމޭޒް އާއި އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރު ޕީޓާ ޑަޓަން ހިމެނެ އެވެ.

އެމެރިކާގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހި، އޭގެ ސަބަބުން 60 މީހަކު ވަނީ މަރުވެފަ އެވެ. އަދި މުޅި ދުނިޔޭގައި އެވައިރަހަށް 156،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އޭގެ ސަބަބުން 5,833 މީހަކު ވަނީ މަރުވެފަ އެވެ.