ކޮރޯނާވައިރަސް، ކޮވިޑް- 19ގެ އަލާމާތްތަކެއް ފެނުމުން އދ. ވިލަމަންދޫ އައިލެންޑް ރިސޯޓުން އަނެއްކާ ވެސް ދެ މީހަކު އެކަހެރިކޮށް ޓެސްޓު ކުރަން ނިންމައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުވެސް، އެ ރިސޯޓްގައި ހުރި ބިދޭސީއަކަށް ޝައްކު ވެގެން، އެ މީހާ އެކަހެރިކޮށް ވަނީ ޓެސްޓް ހަދައިފަ އެވެ. އެހެން ނަމަވެސް، އޭނާ ވަނީ ކޮރޯނާވައިރަހަށް ނެގެޓިވްވެފަ އެވެ. އެއާ، އެކު އެޗްޕީއޭއިން އެ ރަށުގެ ކަރަންޓީނު ދޫކޮށްލި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނި ގޮތުގައި، ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވިލަމަންދޫ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ބިދޭސީއެއްގެ އެވެ. އަދި އެ މީހާއާ ކޮންޓެކްޓްވި އެހެންފަރާތަކާ އެކު، އެ ދެމީހުން އެކަހެރި ކޮށް ބަލަހައްޓަމުން ދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

"ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންއަށް ލެވިފައި،" އެޗްޕީއޭއިން ބުންޏެވެ.

މިހާތަނަށް ރާއްޖޭގައި 10 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވެ އެވެ. ޕޮޒިޓިވްވި އެންމެންނަކީ ވެސް، ރިސޯޓްތަކަށް އައި ޓޫރިސްޓުން އަދި އެ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

ޕޮޒިޓިވް ކޭސްތައް:

  • ކުރެއްދޫ އައިލެންޑް ރިސޯޓް: 5 މީހަކު.

  • ސޭންޑީޒް ބަތަލާ ރިސޯޓް: 2 މީހަކު.
  • ކުރަމަތި އައިލެންޑް ރިސޯޓް: 2 މީހަކު.
  • އަނަންތާރާ ދިގު ރިސޯޓް: 1 މީހަކު.

ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިފައި ވަނީ ކުރެއްދޫ ރިސޯޓުންނެވެ. އެއީ، އެ ރިސޯޓްގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ. އޭގެ ތެރެއިން އެކަކަށް ކޮރޯނާވައިރަސް ޖެހުނީ، އެ ރިސޯޓްގައި ޗުއްޓީ ހޭދަކުުރުމަށް ފަހު ގައުމަށް ދިޔަތަކުން ޕޮޒިޓިވްވި އިޓަލީ ޓޫރިސްޓެއްގެ ކިބައިން ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.