15 Mar 2020, 09:43
އިޔާން ކޮޓަރިއަށް ވަތް އިރު އައިރީން އުޅެނީ ފާހާނާގައެވެ. އިޔާންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަމުން ދިޔައެވެ. އެހެންކަމުން އޭނާ ފަސްޓް އެއިޑް ބޮކްސް ނަގައިގެން ޕެނެޑޯލް ގުޅައެއް ކެއެވެ. އިޔާންއަކީ ވަރަށް ވަރުވެގެން ނޫނީ އެއް އިރެއްގައި ވެސް ބޭސް ކާ މީހެއް ނޫނެވެ. ފެންތަށި އެކީ ހުސްކޮށްލާފައި އޭނާއައިސް މަޑުކޮށްލީ އެނދުގަ އެވެ. މިރޭ އޭނާ އައިރީންއާއި ވާހަކަ ދައްކަން ބޭނުމެވެ. އައިރީން ފާހާނާ އިން ނުކުތް އިރު އެ މޫނުމަތިން ތާޒާ ކަން ފެނެ އެވެ. އައިރީންގެ ފަން އިސްތަށިގަނޑު ތެތްކޮށް އޮތުމުން އެއައީ ފެންވަރައިގެންކަން އެނގުނެވެ. އޭނާ އައިރީންއާ ދިމާލަށް ހިނގައިގަތް އިރު އަތުގައި އޮތް ތުވާލީގައި ބާރަށް ހިފައްޓާލި އައިރީން އިސްޖަހާލި އެވެ.
"ރީން... ސޮރީ..." އިޔާން ބުނެލި އެވެ. ޒާނާއާ އެކު އެރޭ އެ ފެނުނު މެންޒަރަކީ ހަޤީގަތެއް ނޫންކަން ހާމަކުރަން ބޭނުންވިނަމަވެސް އެކަން ކުރެވެންނެތުމުން އިޔާން ހުރީ ވަރަށް ކަންބޮޑުވެފަ އެވެ. އައިރީންއަށް އެނގެން ބޭނުންނުވާ އެ ހަޤީގަތް އޭނާ ކިޔައިދޭން ޖެހޭނެތީ އެވެ. މިކަމާ އޭނާ ބައްޕައާއި ވެސް ވާހަކަ ދައްކަން ބޭނުމެވެ.
*****
އޮފީހަށް ގޮސް އާމިރު ފުރަތަމަ ވެސް ދިޔައީ އޭނާގެ ކެބިންއަށެވެ. މިއަދުގެ މީޓިންއަށް ތައްޔާރުކޮށްފައި އޮތް ޕްރެސެންޓޭޝަން އަދި ވެސް އެއްފަހަރު ބަލާލުމުގެ ބޭނުމުގަ އެވެ.
ލެޕްޓޮޕް ހުޅުވާލުމަށް ފަހު ޕްރެސެންޓޭޝަން ހުޅުވާލިތަނާ އޭނާއަށް ފޯން ކޯލެއް އަ އެވެ. އެކޯލާ އެކު އެ މޫނުމަތި ކޮންމެ ވެސް ވަރަކަށް ބަނަވީތަން ފެނުނެވެ. އެ ކޯލަށް ޖަވާބު ދިނުމަށް ފަހު އޭނާ ހިންދެމިލާފައި ދޮރާދިމާލަށް ނަޒަރު ހުއްޓާލި އެވެ. އިރުކޮޅަކުން ކެބިންތެރެއަށް ވަނީ ސަލީމެވެ. އާމިރު ގޮނޑިން ތެދުވަމުން ސަލީމު އައި ބޭނުން އޮޅުން ފިލުވި އެވެ. އަޑުގައި ވަނީ ހަރިކަށިކަމެވެ.
"ކޮބާ ލާރިއަކަށް ބޭނުންވެގެން މިއައީ" ސަލީމު ބުނެލި އެވެ.
"އަހަރެން ކަލެއަށް ލާރި ދިނީ އަދި އިހަށް ދުވަހު... މިހާރު ކޮން ލާރިއެއް" އާމިރު އަޑު ބާރުކޮށްލަމުން ބުނެލި އެވެ.
އިރުކޮޅަކު ވިސްނުމަކަށް ގެއްލިފައި ހުރުމަށް ފަހު ސަލީމު އަނެއްކާ ވެސްޖަހާލީ ހިނިގަނޑެކެވެ.
"ކިހިނެތްވީ؟ މިހާރު އަހަންނަށް ލާރި ދޭންޖެހޭ ސަބަބެއް ނެތީތަ؟ އައިރީންއަށް ހަޤީގަތް އެނގުނީތަ؟" ވަރަށްނު ގޮތަކަށް ހުރުމަށް ފަހު ސަލީމު ސުވާލުކޮށްލި އެވެ. އޭނާ ހުރީ އާމިރުގެ މޫނުމައްޗަށް އަރަމުންދާ ކުލަވަރު ރަނގަޅަށް ދިރާސާ ކުރަން ނަޒަރު ސީދާކޮށްލައިގެންނެވެ.
"އޯކޭ... އަހަރެން އައިރީންއަށް ހަޤީގަތް ކިޔައިދޭނަން" ސަލީމު ނުކުންނަން ހިނގައިގަތީ އޭނާ ހުއްޓުވާނޭކަމުގެ ޔަޤީންކަން ފުރިހަމައަށް އޮތް ހާލުގައެވެ.
"ކިތައް ހާސް" އާމިރު ބުނެލި އެވެ.
"ދެއެއް" ފަހަތަށް އެނބުރިލި ސަލީމު ނިކަން އަވަހަށް ބުނެލި އެވެ. އާމިރު އޭނާގެ ވޮލެޓުން ދެހާސް ރުފިޔާ ނެގުމާއެކު ސަލީމު ހިނިގަނޑެއްޖަހާލި އެވެ.
"ދެހާހެއް ނޫން... ދެ ލައްކަ" ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ސަލީމު ބުނެލި އެވެ. އެއާއެކު އާމިރުއަށް އަތް ތިރިކޮށްލެވުނެވެ. އެހާ ބައިވަރު ލާރި ހޯދައިގެން ސަލީމު ކުރާކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.
*****
މިއަދު ވެސް ޒާނާ އިޔާންއަށް ގުޅަ ގުޅާ ވަރުބަލި ވެއްޖެ އެވެ. އިޔާން ފޯނެއް ނުނަގަ އެވެ. އެންމެފަހުން ރުޅިއައިސްގެން އޭނާ އިޔާންއަށް މެސެޖް ކުރި އެވެ. އޭނާ ބުނާ ގޮތަށް ކަންތައް ނުކޮށްފި ނަމަ އައިރީންއަށް ހުރިހާ ހަޤީގަތެއް ކިޔައިދޭނެކަމުގައެވެ. އެރޭ ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ އިޔާންމެން ގެއަށް ގެންދަން އެދުނެވެ.
"ޒާނާ މޮޔަވީތަ؟ އަހަންނާ ހެދިތަ ޒާނާ ތިއުޅެނީ؟ ނޫނީ ޒަލަފް ޒާނާދެކެ ރުޅި އަންނާތީ އެކަމާ ބަދަލް ހިފަންތަ؟" އިޔާން އެންމެ ފަހުން މެސެޖް ކޮށްލި އެވެ.
ދާދި އަވަހަށް ޒާނާގެ ރިޕްލައި ވެސް އަތުވެއްޖެ އެވެ.
"އާނ... އަހަރެންނަށް ހިފުނު ގޮތަކަށް ބަދަލުހިފާނަން" ޒާނާ ބުނެލިއެވެ. ބެލްކަނީގައި އިން ގޮނޑިއެއްގއި އިށީނދެ ކުރިމަތީގައި ހުރި މޭޒަށް ދެފައި އެއްލައިގެން ޒާނާ އިން އިރު ލާފައި ހުރި ސޯޓް ކޮޅު ކުރުކަމުން އޭނާގެ ދޮން ފައިން ބޮޑުބައި އޮތީ ހާމައަށެވެ. ކިރިޔާ ބަނޑު ފޮރުވޭ ވަރުގެ ޓޮޕް ކޮޅެކެވެ. އޭނާ ހުރީ ޒަލަފް ކިބައިން ރަނގަޅު ބަދަލެއް ހިފަން ހިތުލައިގެންނެވެ. އޭނާއަކީ އެހާ ފަސޭހައިން ބަލި ގަބޫލުކުރާނެ މީހެއްނޫނެވެ. އެއްއަތުގައި އޮތް ސިނގިރެޓް ދަމާލަމުން އެއްމިޔަކަށް ހިނިތުންވެލި އެވެ. އޭނާއަކީ ބޭނުންވާ ކަމެއް އެގޮތަކަށް ކޮށްފައި ނޫނީ ހަމަޖެހޭނެ މީހެއް ނޫނެވެ. އެހެން އޮތް އިރު ކުރީގެ ހަނދާންތައް އޭނާ އަށް އުނދަގޫ ކުރަން ފެށި އެވެ. ކިޔަވަން އުޅުނު ދުވަސްވަރު އެންމެ ފުރަތަމަ އޭނާގެ ހިތް ދެވުނީ ޒަލަފް އަށެވެ.
*****
ޒާނާއަށް ޒަލަފް ފުރަތަމަ ފެނުނީ ކޮލެޖް ތެރެއިންނެވެ. ޒަލަފްއާއި އިޔާންއާއި ކިޔަވަން ހުރީ ދެ ގައުމެއްގައި ނަމަވެސް ކިޔެވުމުގެ އެއް އަހަރު ޒަލަފް ފުރިހަމަ ކުރީ މެލޭޝިއާއިންނެވެ. އިއްތިފާގުން ޒަލަފްއާއި އެއް ކުލާހެއްގައި އިނުމުގެ ނަސީބު ޒާނާއަށް ލިބުނެވެ. ޒަލަފްގެ އެ ހުންނަ ފިރިހެންވަންތަ ސިފަތަކާއެކު އޭނާއަށް ޒަލަފް ވަރަށް ކަމުދިޔަ އެވެ. ޔުނިވާރސިޓީގެ ކެންޕަސް ތެރޭގައި ވެސް ޒަލަފް ގިނައިން ފެންނަނީ އިޔާންއާއެކުގަ އެވެ. އިޔާން އަކީ ޒަލަފްގެ ބޭބެކަން ޒާނާއަށް އެނގުނީ އެކުވެރި ކުއްޖެއްގެ ފަރާތުންނެވެ.
"ޒެލް... މަންމަ މެން އަންނަ ވާހަކަ ދައްކާފައި ނާންނަނީތަ؟" ޔުނިވާރސިޓީގައި ސްޓޫޑެންޓް ޔޫނިއަން ބޯޑުން އިސްނަގައިގެން ހިންގި އިވެންޓްތަކެއްގެ ތެރެއިން އިޔާން ޒަލަފް އާ ވާހަކަ ދެއްކި އަޑު އިވި ފުރަތަމަ ޒަލަފްގެ ނަން ޒާނާއަށް އެނގިގެންދިޔަ އެވެ.
"ޒެލް" ހިތާހިތުން އެ ނަން ކިޔާލި ޒާނާއަށް މޭގައި އަތް އަޅާލެވުނެވެ. އޭރު ޒާނާ އުޅެނީ ލިއަމް ކިޔާ ކުއްޖަކާ ރައްޓެހިވެގެންނެވެ.
"ހޭ ބޭބް" ލިޔަމް އައިސް ޒާނާގެ އުނގަނޑުގައި ހިފާ ގާތް ކޮށްލި އެވެ. އެއާ އެކު ޒާނާ އެ އަތް ނައްޓުވާލި އެވެ.
"ލިޔަމް... ދުރުގައި ހުރެބަލަ" ޒާނާ ރުޅިއަ އެވެ. ލިޔަމް އަކީ ވެސް އޭނާއާއި އެއް ކުލާހެއްގައި ކިޔަވަމުން ދިޔަ ކުއްޖެކެވެ. ޒަލަފް ފެނުނު ފަހުން ލިޔަމް މަތިން ފޫހިވާން ފެށީ އެވެ. ލިޔަމްދެކެ ޒާނާ ފޫހިވާކަން އެނގި އެކަމާ ގުޅޭ ގޮތުން ޝަކުވާ ވެސް ލިބެން ފަށައިފި އެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކާ ޒާނާގެ ޝަކުވާއެއް ނެތެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ދެވިފައި ވަނީ ޒަލަފްއަށެވެ. ޔުނިވާރސިޓީ އާ ޒަލަފް ގުޅުނު ފަހުން އެއް މަސްދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް ޒާނާއަށް ޒަލަފްއާ ވާހަކަ ދައްކައިލެވޭ ގޮތެއް ނުވި އެވެ.
ޒާނާއަކީ އަބަދު ވެސް އަންހެން ކުދިންނަށް ވުރެ ފިރިހެންކުދިންނާ އެކު ގިނަ ވަގުތު ހޭދަ ކުރާ ކުއްޖެކެވެ. އަހަރަކު އެތަކެއް ކުއްޖަކާ ރައްޓެހިވެ އެވެ. ގިނަ ކުދިންނަށް އެކަން އެނގެ އެވެ. ލިޔަމް އަކީ ވެސް އެ އަހަރުގެ ތިންވަނަ ކުއްޖާ އެވެ. ޒަލަފްއާ ވާހަކަ ދެއްކެން އެއްވެސް ފުރުސަތެއް މިވީ ދުވަސްތަކުގައި ނުލިބޭތީ ޒާނާ ހުންނަނީ އެކަމާ ކަންބޮޑުވެފަ އެވެ. އެހެން އުޅެނިކޮށް ޔުނިވާރސިޓީގެ ވޮލީ ޓޯރނަމެންޓް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ޒަލަފް އާ ވާހަކަ ދައްކައިލުމުގެ ފުރުސަތު ލިބުނެވެ.
"ޒަލަފް ހޭ" ޒަލަފްގެ ފަހަތުގައި ހުރެފައި ޒާނާ ގޮވާލި އެވެ. ޒަލަފް އެނބުރިލާ ހިނިތުންވެލިއެވެ. އެއްއިރެއްގައި ވެސް ޒަލަފް ކުޅިވަރެއްގައި ބައިވެރިއެއް ނުވެ އެވެ. އެހެންނަމަވެސް އިޔާން އަބަދު ވެސް ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ އެވެ.
"ކީއްވެ ބައިވެރި ނުވަނީ އެއްވެސް ކުޅިވަރެއްގަ؟" ޒާނާ އަހާލިއެވެ. ޒަލަފް ހިނިތުންވެލި އެވެ. އެއަށް ފަހު އޭނާ ބުނީ އެއްއިރެއްގައި ވެސް އޭނާ އަކީ ކުޅިވަރަށް މާ ޝައުގުވެރިކަން ހުންނަ މީހެއް ނޫން ކަމުގައެވެ.
އެއް ކުލާހެއްގައި ދެމީހުން ތިބޭތީ މަދުމަދުން ދެމީހުންނަށް ވާހަކަ ދައްކަން ފުރުސަތު ލިބެ އެވެ. އެގުޅުން އިތުރަށް ގާތް ވެގެން ދިޔައީ ގްރޫޕް މަސައްކަތެއް ދެމީހުން އެކީގައި ކުރަން ޖެހުމުންނެވެ. ޒަލަފް ޒާނާ ދެކެނީ ހަމަ އެކަނި ރައްޓެއްސެއްގެ ގޮތަށެވެ. އެކަން ޒާނާ އަށް ވެސް އެނގެ އެވެ. އޭނާ ލިޔަމް އާ ރުޅިވީ ޒަލަފް އާ ރައްޓެހި ވެވޭނޭކަމުގެ އުންމީދުގަ އެވެ. އެހެންނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ޒާނާގެގެ ހުށައެޅުން ޒަލަފް ބޮލާލާ ޖެހީ އެވެ. ޒާނާ އާދޭސް ކުރަން ފެށުމުން އެކަން އުނދަގޫ ކަމަކަށްވެ އެންމެ ފަހުން ނަންބަރު ބަދަލުކޮށްލީ އެވެ. އެވަރުން ވެސް ޒާނާ ކެތް ތެރިކަމާއެކު ޒަލަފްގެ ހިތް އަތުލެވޭތޯ މަސައްކަތް ކުރިއެވެ. ޒަލަފް ކިޔަވަން ލައިބްރަރީއިން ފޮތްތަކެއް ނަގައިގެން އައިސް ބެންޗްގައި އިށީނެވެ. ފޮތްތައް ބަހައްޓާލާ އޭނާ ފޯނުން ނެޓަށް ވަދެލާ އޭނާ ބޭނުންވާ ސައިޓް ހުޅުވި އެވެ. އެއަށް ފަހު ނޯޓް ފޮތެއްނަގާ މުހިންމު ޕޮއިންޓްތައް ނޯޓް ކުރަން ތައްޔާރުވި އެވެ. އެ މަންޒަރު ބަލަން ހުރުމަށް ފަހު ޒާނާ އައިސް ޒަލަފްގެ ގާތު އިށީނެވެ. ޒަލަފް ދުރަށް ޖެހިލި އެވެ. ހަމަ ޖެހިލުމާ އެކު ޒާނާ ކައިރިވެލި އެވެ. އެއަށް ފަހު ތަކުރާރުކޮށް އޭނާގެ ހުށައެޅުން ގަބޫލުކުރަން އެދެން ފެށިއެވެ. އެއާއެކު ޒަލަފްގެ ބޮލަށް އުނދަގޫވެ އޭނާ ކުއްލިއަކަށް ތެދުވެ ހަޅޭއްލަވައިގަތެވެ. އެ ވަގުތު އެހެން ބެންޗްތަކުގަ ތިބި ހުރިހާ ކުދިންގެ ކުރިމަތީގައި ޒަލަފް ޒާނާ ލަދު ގަންނުވާލި އެވެ.
"ހަނދާން ކުރާތި އަހަރެން މި ކަމުގެ ބަދަލު ހިފާނަން" ޒާނާ ދަމުން ދިޔައީ ޒަލަފް އާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލާފަ އެވެ.
*****
އެނދުގައި އޮތް ޒަލަފްއަށް ޚިޔާލުތަކުން ނުކުމެވުނެވެ. ޒާނާގެ އެ ބަސްތައް އަދި ވެސް އޭނާގެ ކަންފަތުގައި ގުގުމަނީ އެވެ. ޒާނާ އޭނާގެ ކިބައިން ބަދަލް ހިފައިން މައުސޫމް ބައެއްގެ ދިރިއުޅުމާ ކުޅޭނެކަމަށް އޭނާއަށް ވިސްނިފައި ނެތުމަކީ އަނެއްކާ އޭނާގެ މޮޔަކަން ހެއްޔެވެ؟ ޒަލަފްއަށް ބޮލުގައި އަތް ޖައްސާލެވުނެވެ. އެއަށް ފަހު އިސްތަށިގަނޑު ހާވާލެވުނެވެ. ހީވަނީ ކޮންމެވެސް ކަހަލަ ލުޔެއް އެ ސިކުނޑިއަށް ބޭނުންވެފައި ހުރި ހެންނެވެ.
2 ދުވަސް ފަސް *****
އިޔާން ވެސް މިއަދު ބޮލުގަ ރިއްސާތީ އޮފީހަށް ނުދެ އެވެ. ނުވައެއް ޖެހިއިރު ވެސް އޭނާ އެނދުމަތިން ތެދުވާ ހިޔާލެއް ނުކުރެ އެވެ. އައިރީންއާ މެދު ވިސްނެނީ އެވެ. އައިރީންގެ ބަނޑުގައިވާ ކުޑަ ކުޑަ ފުރާނައާމެދު ވެސް ވިސްނެނީ އެވެ. އަނެއްކޮޅުން ޒާނާ ދިޔައީ ކެނޑި ނޭޅި އިޔާންއަށް ގުޅަމުންނެވެ. އެކަމުގެ ސަބަބުން އިޔާންގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސް ފާނޭހެންނެވެ. ޒަލަފް ވެސް އޮފީހުން ތިން ދުވަހުގެ ޗުއްޓީއެއް ނެގީ ކައިވެނީގެ ބައެއް ތައްޔާރީތައް ވާން ހުރީތީ އެވެ. ކުޑަކޮށް ކުރާ ކައިވެންޏަކަށް ވިޔަސް އެމީހުން ބޭނުން ވަނީ އިޔާންއާއި އައިރީންގެ ކައިވެންޏެކޭ އެއްގޮތަަށް އާއިލާގެ ހުރިހާ މެންބަރުން ވެސް ބައިވެރިޔާ ކައިވެންޏަކަށް އެކައިވެނި ހެދުމަށެވެ. ޒަލަފް ބޭރުގައި އުޅެލާފައި އައިސް ގެއަށް ވަތް އިރު ގޭތެރޭގައި އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ރަޔާ ވެސް މިހާރު ހުރީ އެމީހުން ހިފާފައި ހުރި އެޕާރޓްމެންޓެއްގަ އެވެ. އޭނާ ސިޑިން މައްޗަށް އެރިއިރު އާދަޔާ ޚިލާފަށް ވަރުބަލިވެފައިވެ އެވެ. ރޭގައި ހަނދާންނެތިގެން ބޭސް ނުކެވޭކަން ހަނދާންވީ ދެނެވެ.
ޒަލަފް ސިޓިންރޫމް ސޯފާގައި ޖައްސައިލާ ޓީވީ ހުޅުވާލި އެވެ. ފަހަރަކު ޗެނެލް އެއް ބަދަލުކުރަމުން ގޮސް އެންމެ ފަހުން އިނގިރޭސި ޗެނެލްއަކަށް ލާ އޭގެން އަންނަމުން ދިޔަ ޑޮކިއުމެންޓްރީ އަށް ސަމާލުކަން ދިނެވެ. އެހެން އިންދާ އިޔާން އައިސް ވަނެވެ. އިޔާންގެ ބޯ ހުރީ އެކީ ހޭވިފަ އެވެ. ހީވަނީ އަދި ދެންމެ ނިދާ ހޭލި ހެންނެވެ.
"ޒެލް... ރީން ދެކުނިންތަ؟" އިޔާން އަހާލި އެވެ.
"ނޫން..." ޒަލަފް ބުނެލި އެވެ. "ތިރީގައި ކަންނޭގެ ދޯ" އިޔާން ބުނެލި އެވެ. އޭނާ ވެސް އައިސް ސޯފާގައި ޖައްސާލި އެވެ.
"ބަލީތަ؟" ޒަލަފް އަހާލި އެވެ.
"ކުޑަކޮށް" އިޔާން ވަރަށް ކުރުކޮށް ޖަވާބު ދިނުމަށް ފަހު ނިތުގައި އަތް ޖައްސައިލީ ބޮލުގައި ރިއްސަމުން ދިޔަ ލެތް ބާރުކަމުންނެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށި އެވެ.
"ކާކު؟ ޒާނާ؟" ޒަލަފް ތުންކޮޅު ހަދާލި އެވެ. ޒާނާ އެ ނަން ދެކެ ވެސް ފޫހިވާ ހިސާބަށް ގޮސްފި އެވެ.
"ދެން ކާކު؟" އިޔާން ފަރުވާ ކުޑަ ގޮތަކަށް ބުނެލި އެވެ.
"ދޮންބެ ވެއްޖެއެއްނު ހުރިހާ ވާހަކައެއް ކިޔައިދޭން ދޮންބެ ދައްތައަށް.... ތި ދެމެދަށް ޒާނާ ވަންނަން ފުރުސަތު ނުދީބަލަ" ޒަލަފް އެދުނެވެ.
"އެހެންވިއްޔާ އަހަންނަށް ޖެހޭނީ ރީންއަށް ހުރިހާ ވާހަކައެއް ކިޔައިދޭން... އެ ވާހަކަ ބައްޕަ ކައިރީ ނުބުނެ އަހަންނަށް ކެރޭތަ ކިޔައިދޭން... ނުކުރޭނެ... " އިޔާން ބުނެލި އެވެ.
"ދެން ކިހިނެތް ހަދާނީ؟ ކޮންމެވެސް ދުވަހަކުން ދޮންބެ ދައްތައަށް ވެސް އެނގެން ޖެހޭނެ ހަޤީގަތެއް ނޫންތަ އެއީ؟ ބައްޕައާ ވާހަކަ ދައްކަބަލަ؟ ތިވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ" ޒަލަފް ބުނެލި އެވެ.
"އޭރުން އަހަރެން ޖެހޭނެ ޒާނާގެ ވާހަކަ ވެސް ކިޔައިދޭން... ޒާނާ އަހަންނަށް ބްލެކް މެއިލް ކުރާ ވާހަކަ... އަދި އެ ފިރިހެން މީހާ ވެސް..." އިޔާން ވިސްނާލި އެވެ.
"ދެން؟" ޒަލަފް ބުމަ އަރުވާލި އެވެ.
"އެ ކީހާ އަހަރެންގެ ބަހަށް ހެއްލިއްޖޭ... އޭނާ ގަބޫލުކޮށްފިޔޭ އައިރީންއަށް ހަޤީގަތް އެނގޭކަމަށް... މިހާރު މައްސަލައަކީ ޒާނާއޭ" އިޔާން ބުނެލި އެވެ. އޭނާ ވާހަކަ ދެއްކީ ގޮތް ހުސްވެފައިވާ ފަދައަކުންނެވެ.
"ކުރިން ރޭ ވެސް އެ އަންހެނާ ގެއަށް ވަދެއްޖެ... ގޭޓު ދޮށަށް އައިސް އަހަންނަށް ގުޅީ ވެސް... މަށަކަށް ނޭނގޭ އޭނަ އައިރީން ނަންބަރު ހޯދީ ކިހިނެތްކަމެއް ވެސް... އަނެއްކޮޅުން ބައްޕަ ވެސް އަހާނެ އަހަންނަށް ހަޤީގަތް އެނގުނީ ކިހިނަކުންހޭ؟ އޭރުން ކިހިނެތް ވާނީ؟" އިޔާން ވިސްނާލި އެވެ.
"ތި ހުރިހާ ގޮތަކަށް ވިސްނާކަށް ވަގުތެއް ނެތެއްނު..." ޒަލަފް އޭނާގެ ޚިޔާލު ފާޅު ކުރިއެވެ.
"އެ އެއްޗެހި އައިރީންއަށް ނުފެންނަ ގޮތަށް ތަ ހުންނާނީ؟" ޒަލަފް އަހާލިއެވެ.
"އާނ... އެ ކަބަޑު ތެރޭގަ ވާނީ... ޕެން އާ ހުރިހާ އެއްޗެއް" އިޔާން ބުނެލި އެވެ. ޒަލަފް ވެސް ހަމަޖެހުމުގެ ނޭވާއެއް ލިޔެވެ. ބައްޕައާއި ވާހަކަ ނުދައްކާ ހުއްޓާ އައިރީންއަށް އެކަން އެނގޭކަށް ވެސް ޒަލަފް ނޭދެ އެވެ.
******
އިޔާން ކޮޓަރިއަށް ވަދެ ކަބަޑް ހުޅުވާލާ އެ ފައިލް އަދި ވެސް އެއްފަހަރު ބަލާލި އެވެ. އެ ބާލާލާ ކޮންމެ ފަހަރަކު ހީވަނީ އޭނާގެ ހިތަށް ވެސް ތޫނު ހަންޖަރެއް ހަރައިލާހެން ވިއްޔާ އެވެ. ވީއިރު އަދި އައިރީންއަށް ވާނެ ގޮތެއް ނޭނގެ އެވެ. އެއަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވާލާފައި އައިރީން ވަނެވެ.
އައިރީންގެ ނަޒަރު ފުރަތަމަ ވެސް ދަތުރު ކުރީ އިޔާންގެ އަތުގައި އޮތް ފައިލަށެވެ. އައިރީން ފެނުމާ އެކު އިޔާން ތެޅިގަނެފައި ފައިލު ލައްޕާލާ ކަބަޑަށް ލާ ތަޅުލި އެވެ. އިތުރު އެއްޗެއް ނުބުނެ އައިރީންއަށް އިޔާންގެ ގާތަށް ހުއްޓުނެވެ. އެއަށް ފަހު އޭނާ ރަޔާ މެންގެއަށް މަންމައާ އެކު ދަނީ އޭ ބުނެލި އެވެ. އިޔާން ހިނިތުންވެލަމުން ބޯ ޖަހާލި އެވެ. އައިރީންގެ މޫނުމަތިން އެއްވެސް ވަރަކަށް ނުރުހުންވުމެއް އަސަރެއް އޭނާއަކަށް ނުފެނުނެވެ. އައިރީން އިޔާން އަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލި ކަމުގައި ވިނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ނުފިލާ ރިހުމެއް ވާކަން އޭނާ ދެނެގަތެވެ. އެހެންނަމަވެސް އަމަލުތަކުގައި ހުރި މަޑުމަތިރިކަން ކޮންމެވެސް ވަރަކަށް އިޔާންއަށް އުނދަގޫ ކުރި އެވެ. ޒާނާގެ މަތިން އައިރީން ހަނދާން ނެތިދާނެ ހެއްޔެވެ؟ އިޔާން ތަޅުދަނޑި އޭނާ ލާ ތަނަށް ލުމަށް ފަހު އައިސް ސޯފާގައި ޖައްސާލި އެވެ. އޭރު އައިރީން ގެނެސްފައި ހުރި ކޮފީތަށި ހުރީ ހިހޫވެފަ އެވެ. ހެނދުނު ހޭލި އިރުވެސް އެ ކޮފީ ތަށި ހުރިވިއްޔާ އެވެ. މިހާރު ހިހޫވާ ހާއިރުވެސް ވެއްޖެ އެވެ.
*****
އިޔާންއަށް ނޭނގުނު ކަމަކީ އައިރީންއަށް އޭނާއާއި ޒަލަފްއާއި ދެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނު ކަމަށެވެ. އައިރީން މައްޗަށް އެރި އިރު ދެމީހުން ވާހަކަ ދައްކާ އަޑު އިވި ޒާނާގެ ނަން އިވުމުން ނުފެންނަ ގޮތަށް މަޑުކޮށްލީ އެވެ. އަދި އެއާ އެކު އިޔާންގެ އެ ބުނާ ހަޤީގަތެއް ހޯދަން އައިރީން އަތު ކުރި އޮޅާލި ކަމެވެ. ރަޔާ މެންގެއަށް ގޮސް އިން އިރު ވެސް އައިރީން ގެ ސިކުނޑީގައި ވަނީ މުޅީން ވެސް އިޔާންއާއި ޒަލަފް ދެއްކި ވާހަކަތަކެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ އެ ހަޤީގަތް އެނގެން ބޭނުމެވެ. އެ ކަބަޑުގެ ތަޅުދަނޑި އިޔާން އެހާ ފޮރުވައިގެން ގެންގުޅޭ ސަބަބު ވެސް އެނގިއްޖެ އެވެ. އޭގައި އޭނާއާ ބެހޭ ކޮންމެވެސް ހަޤީގަތްތަކެއް ފޮރުވިފައިއެބަވެ އެވެ. އެ ފައިލްތައް އޭނާ ހޯދާނެ އެވެ. ބޭނުން ވަނީ ކުޑަ ފުރުސަތެކެވެ. އޭގެ އިތުރުން އިޔާންއާއި ޒާނާއާ ދެމެދު އޭނާ ހީކުރި ފަދަ އެއްވެސް ގުޅުމެއް ނެތް ކަން އެނގި އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެހިތަށް ބަޔާން ކުރަން ދަތި ހިންހަމަޖެހުމެއް ލިބިގެން ދިޔަ އެވެ. އައިރީންއާ އެކު ފަލަކް އާއި އަޝްރާ ވެސް ދިޔަ އެވެ. ރަޔާގެ މަޑުމައިތިރި ކަމާއި ރަނގަޅު އަޚްލާގު ދެކެ އެ ދެމީހުން ވެސް ވރަށް ގަޔާވެ އެވެ. ގިނައިން ދެކެވުނީ ކައިވެންޏާ ގުޅޭ ވާހަކަތަކެވެ. ރަޔާ ވެސް ހޮސްޕިޓަލުން ނޯ ޕޭ ލީވް އެއް ދެ މަސް ދުވަހަށް ނެގީ ކައިވެނީގެ ހުރިހާ ކަމެއް ނިންމާލުމަށް ފަހު ވަޒީފާއަށް ނުކުތުމުގެ ބޭނުމުގަ އެވެ. އެއީ ޒަލަފްއާއި ޒަލަފްގެ އާއިލާ ވެސް ބޭނުންވާ ގޮތް ކަމުގައި ވީތީ އެވެ.
އައިރީންއާއި ފަލަކް ގެއަށް ދިޔައިރު އަޝްރާ މަޑުކުރީ ރަޔާ ގާތު ގަ އެވެ. އޭނާ ޒަލަފްގެ ބަލި ހާލަތާ ބެހޭ ގޮތުން ރަޔާ އާ ވާހަކަ ދައްކަން ބޭނުންވީ އެވެ. ފަލަކްއާއި އައިރީންއާއި ދެމީހުންނަށް ގެއަށް ވަދެވުނު އިރު މެންދުރު ނަމާދު ބަންގި ގޮވަނީ އެވެ. އެހެންކަމުން އައިރީންގާތު ނަމާދުކުރުމަށް ބުނުމަށް ފަހު ފަލަކް ވެސް ނަމާދުކުރުމުގެ ބޭނުމުގައި ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. އައިރީން ކޮޓަރިއަށް ވަތް އިރު އިޔާން އުޅެނީ ފާހާނާގަ އެވެ. އައިރީން އެނދުގައި އިށީނެދެލި އެވެ. އިޔާން ނުކުތުމުން އޭނާ ފާހާނާއާ ދިމާލަށް ހިނގައިގަތީ އިޔާންއަށް ގަމީހާ އެއްޗެހި ވެސް ނަގައިދީފަ އެވެ. އިޔާން ދިޔައީ މިސްކިތަށެވެ.
އައިރީން ވެސް ނަމާދު ކޮށްލި އެވެ. ނަމާދުކޮށްނިމި ޤުރުއާން ކިޔަވާލައިގެން އޭނާ ގަސްތުކުރީ ކަބަޑު ހުޅުވުމަށެވެ. އެހެންނަމަވެސް އިޔާން އައުމުގެ ކުރިން އެކަން ކުރެވޭ ގޮތެއް ނުވި އެވެ. އޭނާ ޑްރެސިންޓޭބަލް ވަތް ގަނޑު ހުޅުވާލިތަނާ އިޔާން އައިސް ވަދެއްޖެ އެވެ. އޭގެ ފަހުން އިޔާން ބޭރަށް ނުދާތީ އައިރީންއަށް ވެސް އިތުރު ފުރުސަތެއް ނުލިބުނެވެ. އަސުރު ފަހުން ވެސް އިޔާން ވަރަށް އަވަހަށް މިސްކިތުން އަތުވެއްޖެ އެވެ. ދެން އެ ފުރުސަތު އައިރީން އަށް ލިބުނީ އިޔާން އިޝާ ނަމާދުން ފައިބައިގެން އައިސް އޮފީހަށް ދިޔުމުންނެވެ. މާދަމާ އޮފީހަށް ބޭރު ކުންފުންޏެއްގެ އިސްވެރިންތަކެއް ޒިޔާރަތް ކުރާތީ ފަހު ފަހަރަށް ޕްރެސެންޓޭޝަންއާ އެއްޗެހި ޗެކް ކޮށްލުމުގެ ބޭނުމުގަޔާ ވެސް އެކުގަ އެވެ. އޭނާ އަށް ފެންޑްރައިވް ވެސް ނުގެނޭވޭތީއާއެކުގަ އެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން އައިރީން ވެސް އެ ކަބަޑު ތަޅުދަނޑި ހޯދަން އަވަސްވެގަތެވެ. ޑްރެސިންޓޭބަލް އެ ފުށް މިފުށަށް ޖެހި އިރު ވެސް އޭނާއަށް އެ ކަބަޑު ތަޅުދަނޑި ފެންނަ ގޮތެއް ނުވި އެވެ. އެންމެ ފަހުން އަލަމާރިއަށް ބަލާލުމަށް ފަހު އޭނާ އެ ދިމާލަށް ހިނގައިގަތެވެ. ފަހަރަކު ވަތް ގަނޑެއް އޭނާ ހުޅުވި އެވެ. އޭގެތެރޭގައި އިން ދަމާ ވަތް ގަނޑު ހުޅުވާލި އެވެ. އެއްޗެހިތައް ހާވަމުން ގޮސް އޭގެތެރޭގައި އިން ކުޑަ ފޮއްޓެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ މަހުމާ ފޮއްޓެކެވެ. އެ ފޮށި ނަގާ އޭނާ ހުޅުވާލި އެވެ. އޭގެ ތެރޭގައި ތަޅުދަނޑި އޮއްވާ އޭނާއަށް ފެނުނެވެ.
ކަބަޑު ލައްޕާލާފައި ގޮސް އޭނާ ތަޅުދަނޑިން އެ ކަބަޑު ހުޅުވާލި އެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ގަނޑުތަތެކެވެ. އެ ހުރިހާ ކަރުދާސްތަށް ނަގާ އިތުރު އެއްޗެއް އޭގައިވޭތޯ އައިރީން ޗެކް ކޮށްލި އެވެ. އެއާއެކު ޕެންޑްރައިވެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ޕެންޑްރައިވް ނަގައިގެން އައިސް އައިރީން ސޯފާމަތީގައި ބޭއްވި އެވެ. އެއަށް ފަހު އިށީނދެލާ އޭނާ އެ ގަނޑުތަކުގައި ލިޔެފައި އޮތް އެއްޗެއް ކިޔަން އަވަސްވެގަތެވެ. ފުރަތަމަ ވެސް ފެނުނު ގަނޑާއެކު އޭނާގެ ބޮލަށް ހީވީ އެނބުރުން އެރީ ހެންނެވެ. މީހާގެ މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާގެ ލޮލުން ހޯސް ލާފައި ކަރުނަ ފައިބަން ފެށި އެވެ.
އަތުގައި އުފެދުނު މަޑު ތުރު ތުރު އެޅުމާއެކު ދެވަނަ ގަނޑަށް އެއްލާ އޭގައި ވި އެއްޗެއް އަނެއްކާ ވެސް ކިޔަން ފެށިއެވެ. އިތުރަށް ކިޔަމުން ދިޔަ ވަރަކަށް ހިމޭން ރުއިމުގެ އަޑު ގަދަވާން ފެށި އެވެ. ވަކި ހިސާބަކުން އެ ގަނޑުތައް އުކާލުމަށް ފަހު އައިރީން މޫނުމަތީގައި އަތް އަޅާލި އެވެ. އެ ދެލޯ ކައިރި ކޮންމެވެސް ވަރަކަށް ދުޅަވެއްޖެ އެވެ. ރުއިމުގެ ސަބަބުން މޫނުމަތި ވެސް އެކީ ރަތް ވެއްޖެއެވެ. އައިރީން ނޭފަތް އެތެރެއަށް ދަމާލަމުން ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގައި ފައިން ޖަހާ ކޮށްޕާލި އެވެ. ވެއްޓުނީ ކާޕެޓް މައްޗަށް ކަމުން ތަޅައިގެނެއް ނުދެ އެވެ. އެވެސް ނަސީބެކެވެ. ރުއިން ގިސްލުމަކަށް ބަދަލް ވެގެން ހިނގައްޖެ އެވެ. އެވަގުތު ސޯފާގައި އޮތް ޕެންޑްރައިވް ފެނި އޭނާ ކުއްލިއަކަށް ތެދުވި އެވެ. ލެޕްޓޮޕް ހިފައިގެން އައިސް ލެޕްޓޮޕް ހުޅުވާލާ އޭނާ އޭގައި ވާ އެއްޗެއް ބަލާލުމުގެ ބޭނުމުގައި ޕެން ޑްރައިވް ޖަހާ ކަނެކްޓް ކޮށްލިއެވެ. އޭގައި ވަނީ އެންމެ ވީޑިއޯއެކެވެ.
ތުރު ތުރު އަޅަމުން ދިޔަ އަތަކުން އޭނާ އެ ހުޅުވާލި އެވެ. އޭގައި އޮންނާނީ ކޮން ކަހަލަ އެއްޗެއްކަން އެނގޭ ކަހަލައެވެ. ފުރަތަމަ ހުޅުވާލުމަށް ފަހު އޭނާ ދެލޯ މަރާލީ އެ މަންޒަރު ނުބެލުމުގެ ބޭނުމުގަ އެވެ. އެހެންނަމަވެސް އަތް އަޅާފައިވާ އަތުގެ ދެ އިނގިލި ދުރުކޮށްލާ އޭނާ އެ ބަލާލި އެވެ. އެއާއެކު އޭނާ އަށް ފަހަތަށް ޖެހިލެވުނެވެ. ސޯފާއިން ތެދުވެގެން ދެކޮޅަށް ހިނގަން ފެށި އެވެ. އެވަގުތު އޭނާގެ ފޯނު ރިންގްވާން ފެށި އެވެ. ގުޅަނީ އިޔާންއެވެ. ފޯނު އަތުގެ ކޮޅަށް ހޫރާލުމާ އެކު އައިރީން އަށް ހުރިތަނަށް ތިރިވެވުނެވެ.
*****
ކުޑަކޮށް ލަސްވާނެ ވާހަކަ ބުނަން ވެގެން އިޔާން އައިރީންއަށް ގުޅާލި އެވެ. ފުރަތަމަ ރިންގު ވިއެއްކަމަކު ދެން ގުޅިއިރު އޮންނަނީ އަބަދުވެސް ފޯނު ނިއްވާލާފަ އެވެ. ކުޑަކޮށް ހާސްވާގޮތްވި އެވެ. ދެން އޭނާ ގުޅީ ޒަލަފްއަށެވެ. ގުޅިއިރު ޒަލަފް ހުރީ އެންމެނާ އެކު ރަޔާ މެން ގޭގަ އެވެ. އައިރީން ގާތު އަންނަން ބުނުމުން ވެސް ވަރުބަލި ކަމުގެ ބަހަނާ ދައްކާފައި ނައި ވާހަކަ ޒަލަފް ބުނެލި އެވެ. އިޔާން ފޯނު ބޭއްވި އެވެ. ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނަން ފަށައިފި އެވެ. އެހެންކަމުން ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިނުމަށް ފަހު ނަޒަރު ވަކިކޮށްލަމުން އަނެއްކާ ވެސް އައިރީންއަށް ގުޅޭތޯ މަސައްކަތް ފެށި އެވެ. ނަންބަރު ނިއްވާލާފައި އޮތުމުން އޭނާގެ ހިތަށް ބިރުވެރިކަން ވެރިވި އެވެ. އެންމެ ފަހުން ކެތް ނުކުރެވުމުން އޭނާ ލެޕްޓޮޕް ނިއްވާލާފައި ގެއަށް ދާން ވެގެން އަވަސްވެގަތެވެ. ކާރަށް އަރާ ދުއްވާލިއިރު ވެސް ހިޔާލުގައި އައިރީން ނޫން ނަމެއް ނުވެ އެވެ. އެހެންކަމުން އާދައިގެ ވަރަށް ވުރެ ވެސް ބާރަށް ދުވެލި ބަހައްޓައިގެން އޭނާ ކާރު ދުއްވަމުން ދިޔަ އެވެ. އޭރު ކޮންމެވެސް ވަރަކަސް ވާރޭ ކަނި ވެސް ތަޅަމުން ދިޔައެވެ. އުޑުމަތި ބަނަ އެވެ. މަގުމަތީގައި ދުއްވާއެއްޗެހި ވެސް އެހާ މަދީ އެހެންވީމަ ކަންނޭނގެ އެވެ.
އިޔާން އަށް ގެއަށް އާދެވުނީ ދިހަވަރަކަށް މިނިޓް ފަހުންނެވެ. އޭނާ ކާރުން ފައިބައިގެން ދުވެލާފައި ގޮތް ގޭތެރެއަށް ވަނީ ތުނިކޮށް ވެހެމުން ދިޔަ ވާރޭން ސަލާމަތް ވާންވެގެންނެވެ. އޭރު ގޭތެރޭގައި އެއްވެސް މީހަކު ނެތެވެ. ސިޑިން މައްޗަށް އަރައިގެން ގޮސް ބެލްކަންޏަށް ނުކުމެލި އިރު ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވި ފައެވެ. އޭނާ ބޮލުގައި ހަރުލާފައި ހުރި ފެންތައް ދެފަރާތަށް ފޮޅާލަމުން ގޮސް ކޮޓަރިދޮރު ހުޅުވާލާފައި އެތެރެއަށް ވަނެ އެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވި އެވެ. (ނުނިމޭ)