14 Mar 2020, 23:28
މިހާރު ޔޫރަޕްގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތާއި އަޔަލެންޑްގެ މީހުންވެސް އެމެރިކާއަށް ވަނުން މަނާކޮށްފި އެވެ.
ޗައިނާގެ ވުހާން ސިޓީއިން ފެތުރެން ފެށި ކޮވިޑް މިހާރު އެގައުމުގައި ކޮންޓްރޯލްވި ނަމަވެސް މިހާރު ޔޫރަޕްގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.
އެމެރިކާގެ ރައީސް ދާދި ފަހުން ސޮއިކުރައްވާ ނެރުނު ގަރާރުގައި ވަނީ ޔޫރަޕްގެ 26 ގައުމަކުން އެމެރިކާއަށް މީހުން ވަނުން 30 ދުވަހުގެ މުއްދަތަކަށް މަނާ ކޮށްފަ އެވެ. ނަމަވެސް އެ ގަރާރުގައި އިނގިރޭސިވިލާތާއި އަޔަލަންޑް ހިމަނާފައެއް ނުވެ އެވެ. އެއާއެކު ދެ ގައުމުގެ ފްލައިޓްތައްވެސް މެދުކަނޑާލަން ވަނީ ނިންމައިފަ އެވެ.
އެ ދެ ގައުމުން އެމެރިކާއަށް މީހުން މަނާ ވާނީ މާދަމާއިން ފެށިގެންނެވެ.
އިނގިރޭސިވިލާތުން 1000 އަށް ވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާއިރު، 10 މީހުން ވަނީ މަރުވެފަ އެވެ. މަރުވެފައިވަނީ 60 އަހަރުން މަތީގެ މީހުންނެވެ. އެންމެ ދޮށީ މީހަކަށް މަރުވަފައިވަނީ 90 އަހަރުގެ މީހަކެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި އެގައުމުގެ ހެލްތު މިނިސްޓަރުވެސް ހިމެނެ އެވެ.
އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސް ފެތުރޭތީ އެގައުމުގައި ގިނައިން މީހުން އެއްވާ ހަރަކާތްތައް ވަނީ ނުބާއްވަން ނިންމައިފަ އެވެ. އެގޮތުން އަންނަ މޭ މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލް އިންތިހާބުވެސް އެއް އަަހަރަށް ވަނީ ފަސްކޮށްފަ އެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)ން ބުނީ އެމެރިކާގައި މިހާތަނަށް 1629 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 41 މީހަކު މަރުވެފައިވާ ކަމަށެވެ.
މުޅި ދުނިޔެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 125،000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު މަރުވި މީހުންގެ އަދަދު ވަނީ 5،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.