14 Mar 2020, 23:11
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯރޯނާވައިރަހަށް، އެންމެފަހުން ޓެސްޓް ކުރައްވައިފިއެވެ.
ދާދި ފަހުން ޓްރަމްޕްއާ ބައްދަލުކުރެއްވި ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯގެ ސެކްރެޓަރީއަށް ކޮރޯނާވައިރަސް ޖެހިފައިވާކަން ވަނީ ޓެސްޓްތަކުން ޔަގީންވެފަ އެވެ. އޭގެ އިތުރުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އެހެން މީހުންނާވެސް ޓްރަމްޕް ވަނީ ދާދި ފަހުން ބައްދަލުކުރައްވައިފަ އެވެ.
ނަމަވެސް މިހާތަަނަށްވެސް ކޮރޯނާއަށް ޓެސްޓުކުރަން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފައެވެ. އެކަމާ ގުޅިގެން ޓްރަމްޕްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެސްވިއެވެ.
ނަމަވެސް މިއަދު ބޭއްވި ކޮންފަރެންސްއެއްގައި ޓްރަމްޕް ވިދާޅުވީ ބައްޔަށް ޓެސްޓު ކުރެއްވީ އެކަން ކުރައްވަން ފެނިވަޑައިގަތުމުން ކަމަށެވެ. އަދި ދެ ދުވަސްތެރޭ ނަތީޖާ ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
ޓްރަމްޕްގެ ޑޮކްޓަރު ޝޯން ކޮންލީ އިއްޔެ ވިދާޅުވީ ޓްރަމްޕް ކަރަންޓައިން ވުމުގެ ބޭނުމެއް ނެތް ކަމަށާއި ޕޮޒިޓިވްވީ މީހުންނާ ޓްރަމްޕްއާ ދެމެދު މާ ބޮޑަށް ކައިރިވެފައިނުވާ ކަމަށެވެ.
ކޯރޯނާގެ މައްސަލައިގެން ފާޑިކިޔުންތައް އަމާޒުވަމުން ދިޔައިރުވެސް ޓްރަމްޕް އެކި ބޭފުޅުންނާ ދިޔައީ ސަލާމްވެސް ކުރައްވަމުންނެވެ.
އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރު ޕީޓާ ޑަޓަންވެސް ވަނީ ކޮރޯނާއަށް ޕޮޒިޓިވްވެފައެވެ. ޕީޓާ ވިދާޅުވީ އޭނާ ޕޮޒިޓިވްވީ ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕްއާ ބައްދަލުކުރެއްވިތާ ތިން ދުވަސް ފަހުން ކަމަށެވެ. އެކަމާ ގުޅިގެން އިވާންކާވެސް މިހާރު ހުންނެވީ އަމިއްލައަށް އެކަހެރިވެގެންނެވެ.
އެމެރިކާގެ ސެންޓާ ފޯރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)ން ބުނީ އެމެރިކާގައި މިހާތަނަށް 1،629 މީހަކަށް ކޮރޯނާ ޖެހިފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 41 މީހަކު މަރުވެފައިވާ ކަމަށެވެ.
ކޯރޯނާވައިރަސްއާ ގުޅިގެން އެމެރިކާއިން މިހާރުވަނީ ހިލޭ އެ ބައްޔަށް ޓެސްޓްކުރެވޭނެ ގޮތާއި އަދި ބަލި ޖެހިއްޖެ ހާލަތެއްގައި މުސާރަ ލިބޭ ގޮތަށް ޗުއްޓީދޭންވެސް ނިންމައިފައެވެ.
އެގޮތުން ޓްރަމްޕް މިހާރު ވަނީ 8.3 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައި އިމެޖެންސީ ހާލަތުވެސް އިއުލާން ކުރައްވައިފައެވެ.