14 Mar 2020, 21:59
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓް ހެދޭ ކެޕޭސިޓީ ރާއްޖެއިން އެތައް ގުނައެއް އިތުރުކޮށްފައިވާކަން ސަރުކާރުން މިރޭ ހާމަކޮށްފި އެވެ.
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މީގެ ކުރިން ހަދިޔާކޮށްފައި ވަނީ، 1،000 މީހުންގެ ޓެސްޓް ހެދޭނެ ކިޓްތަކެކެވެ. ކޮރޯނާވައިރަހަށް ޓެސްޓް ހަދަމުން ދަނީ އައިޖީއެމްއެޗްގެ ލެބޯޓްރީގަ އެވެ.
ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ، އެއްވެސް ޒާތެއްގެ ކޮރޯނާވައިރަހެއް ހަށިގަނޑުގައި ހުރިކަން ކަށަވަރު ކުރުމަށް ބޭނުން ކުރާ، 5،000 އިތުރު ސްކްރީނިން ކިޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި ނޮވެލް ކޮރޯނާވައިރަހުން ޖެހޭ، ކޮވިޑް-19 ބަލިހުރިކަން ޔަގީންކުރުމަށް ބޭނުންކުރާ 1،000 ކޮންފަމޭޓްރީ ޓެސްޓް ކިޓްވެސް ރާއްޖެ ގެނެސްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.
"ސްކްރީން ކިޓުން ޓެސްޓު ކުރީމަ އެނގޭ އެމީހާ ގައިގައި ކޮރޯނާގެ އެއްވެސް ވައިރަސްއެއް ހުރިތޯ. ކޮންފަމެޓްރީ ކިޓްގެ ބޭނުމަކީ، އެއީ ކޮރޯނާގެ ކޮވިޑް-19ތޯ ދެނެގަތުމަށް. މި އަދަދަށް [ދެ ކިޓް] ޓެސްޓް ކެޕޭސިޓީން މިވަނީ އިތުރު ކުރެވިފައި،" މަބުރޫކް ވިދާޅުވި އެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ އަލާމާތް ފެންނަ މީހުން ވީހާ އަވަހަކަށް ޓެސްޓްކުރުމާއެކު، އެ މީހުންގެ ބަލި ހުރިކަން ދެނެގަތުމެވެ. އަދި އެއަށްފަހު އެ ވައިރަސް ޖެހިފައިވާ މީހުން ކޮންޓެކްޓްވެފައިވާ އެންމެން ދެނެގަނެ އެކަހެރި ކުރުމަކީ އެ ބަލި ހުއްޓުވޭނެ ގޮތްކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.
ސަރުކާރުން މިއަދު ވަނީ ކަރަންޓީން ފެސިލިޓީވެސް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާންކޮށްފަ އެވެ. އެގޮތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިހާރު ވިލިވަރުގައި ގައިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީގެ ޖާގަ 100 އަށް އިތުރުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ. މީގެ އިތުރުން ތިންވަނަ ކަރަންޓީންގެ ރަށެއްގެ ގޮތުގައި، އއ. އަތޮޅު ވެލިދޫ ރިސޯޓުވެސް ތަރައްގީ ކުރަމުންދާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މިހާރު ކަރަންޓިން ކުރަމުން އަންނަނީ ފަރުކޮޅުފުށި އަދި ވިލިވަރުގަ އެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާއަށް ޕޮޒިޓިވްވެފައިވަނި ހަތަރު ރިސޯތަކުން 10 ބިދޭސީންނެވެ.