މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ބުރަހްމަސްތުރާ"ގައި ކާމިޔާބު ބަތަލު ޝާހްރުކް ޚާން ކުޅޭނީ ސައިންޓިސްޓެއްގެ ރޯލުކަމަށް ޚަބަރުތައް ބުނެފިއެވެ.

މި ފިލްމުގައި ޝާހްރުކް ކުޅޭ ރޯލު އޭނާ 10 ދުވަސްތެރޭ ޝޫޓްކޮށް ނިންމާލިކަމަށްވެސް ހަބަރުތައް ބުނެއެވެ. އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހެވެ.

"ބުރައްމަސްތުރާ" ވާނީ އާލިއާއާއި ރަންބީރު ދެ ތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތަކެއް ބަލްގޭރިއާގައިވެސް ވަނީ ނަގާފައެވެ. އަދި ބައެއް މަންޒަރުތައް ނުނެގި ފަސްވެފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުންކަމަށް ޚަބަރުތައް ބުނެއެވެ. މި ފިލްމުގެ ޝޫޓިން މިހާރު ވަނީ އެކަމުގެ ސަބަބުން މެދުކަނޑާލައިފައެވެ.

އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން، ނާގުރްޖުނާ އަކިނޭނީ އަދި ޓީވީ ބަތަލާ މޯނީ ރޯއި ފަދަ ތަރިންނެވެ. މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ހެދި އެންމެ އަގުބޮޑު ފިލްމު ވެސްމެއެވެ. "ބުރައްމަސްތުރާ" އަކީ ފެންޓަސީ، އެޑްވެންޗާ ފިލްމެކެވެ.

ފިލްމު އެކި ބައިބަޔަށް ބަހާލައިގެން ގެނެސްދޭއިރު މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ ދީޕިކާ ޕަދުކޯންއާއި ރަންވީރު ސިންހްކަމަށް ހަބަރުތައް ބުނެއެވެ.