12 Dec 2011, 09:16
ސަންއާ (ޑިސެމްބަރު 11) : ޔަމަނުގެ ވެރިކަން ބަދަލުކުރުމަށް މަގުފަހުކުރުމުގެ ގޮތުން އެކުލަވާލިވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރު ހުވާކޮށް މަޤާމާ ޙަވާލުވެއްޖެވެ. މިއީ ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސޯލިހްގެވެރިކަން ތިން މަސް ދުވަހުގެ ތެރޭގައި ބަދަލުކުރުމަށްޓަކައި އޭނާއާއި އިދިކޮޅު ފަރާތްތަކާ ދެމެދު ސޮއިކުރިއެއްބަސްވުމުގެ ދަށުން އެކުލަވާލި ވަގުތީ ސަރުކާރެކެވެ.
މި ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކީ މުސްތަޤިއްލު ޝަޚްސިއްޔަތެއް ކަމަށްވާ މުހައްމަދުސާލިމް ބަސިންދަވާ އެވެ. މިސަރުކާރުގެ ކެބިނެޓްގައި 43 ވަޒީރުން ހިމެނެއެވެ. މި ވަގުތީ ސަރުކާރު ދެމިއޮންނާނީ އަންނަ އަހަރުގެ ކުރީކޮޅު އިންތިޤާލީ ސަރުކާރެއް އެކުލަވާލެވެން ދެންނެވެ. ވަގުތީ ސަރުކާރު ހިނގަމުންދާނީ ނައިބު ރައީސް އަބްދުރައްބޫ މަންސޫރް ހާދީގެ ބެއްލެވުމުގެ ދަށުންނެވެ. ބޮޑުވަޒީރު ބަސިންދަވާ އާއި އޭނާގެ ކެބިނެޓް މަޤާމުގެ ހުވާ ކުރެއްވީވެސް ނައިބު ރައިސް އަބްދުރައްބޫ މަންސޫރް ހާދީގެ ކުރިފުޅުމަތީގައެވެ. ދެއަހަރު ދުވަހުގެ މުއްދަތަށް އުފެއްދުމަށް ހަމަޖެހިފައިވާ އިންތިޤާލީ ސަރުކާރުވެސްކުރިޔަށްދާނީ ނައިބު ރައީސް އަބްދުރައްބޫ މަންސޫރް ހާދީގެ ބެއްލެވުމުގެ ދަށުންނެވެ.
އިންތިޤާލީ ސަރުކާރު އެކުލަވާލުމަށް ހަމަޖެހިފައިވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން އިންތިޚާބުންނެވެ. އިންތިޤާލީ މަރްޙަލާގައި ދިމުޤްރާތީ ގޮތުން ޔަމަނަށް ގެންނަންޖެހޭ އިސްލާޙީ ބަދަލުތައް ގެނަސް ނިންމަންޖެހޭނެ އެވެ.
އދ.ގެސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އާއި ގަލްފުގެ ޤައުމުތަކުންވަނީ ޔަމަންގެ ވަގުތީ ސަރުކާރަށް މަރުހަބާ ކިޔާފައެވެ. ރައީސް ސާލިޙަކީ މިހާރު އެއްވެސް ބާރެއްނެތް ހަމައެކަނި ނަމެއްގައި ހުންނެވި ރައީސެވެ. 3 މަސްފަހުން ރައީސް ކަމުން އޭނާ އިސްތިއުފާ ދެއްވާނެއެވެ. (ރޮއިޓާސް)