19:00


ގައުމީ ޔުނިވަރސިޓީގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލައްވައި އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށްރަށް ކަނޑައެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި ބިލުގެ ފަހު މަރުހަލާގައި ބިލަށް ހުށަހަޅާފައިވާ އިސްލާހްތަކަށް ޖަލްސާގެ ރިޔާސަތުން ވޯޓަށް އައްސަވައި ނިންމުމަށްފަހު، ބިލް އެކުގައި ފާސްކުރުމަށް ވޯޓަށް އެއްސެވުމުން، ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 32 މެންބަރުންނެވެ. އަދި ބިލް ފާސްކުރަން ނުފެންނަ ކަމަށް، 41 މެންބަރުން ވޯޓު ދެއްވި އެވެ. މި ބިލު ފާސްކުރަން ބޭނުންވާ އަދަދަކީ، 37 ވޯޓުކަމުން ބިލް ފާސްނުވާ ކަމަށް ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއްލާން ކުރެއްވި އެވެ. އަދި ބިލު އިތުރަށް ފުރިހަމަކުރުމަށް ކޮމިޓީއަށް ފޮނުވަން ފެނވަޑައިގަންނަވައިތޯ ވޯޓަށް އެއްސެވުމުން، އެގޮތަށް ފެންނަ ކަމަށް 71 މެންބަރުން ވޯޓު ދެއްވި އެވެ.


މިއަދުގެ ޖަލްސާގައި، އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށްރަށް ކަނޑައެޅުމުގެ ބިލުގެ ފަހު މަރުހަލާ ނިމި މެންބަރުން ބިލަށް ހުށަހަޅުއްވާފައިވާ އިސްލާހް ތަކަށް ވެސް ވޯޓަށް އެއްސެވި އެވެ. އަދި އޭގެ ތެރެއިން އެއްވެސް އިސްލާހެއް ފާސްނުވުމުން ބިލު ދިރާސާކުރި ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް ބިލު ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެން އެބިލު ވަނީ ފާސްކުރައްވައިފަ އެވެ.