14 Mar 2020, 21:17
ކޮންމެ ގޭބިސީއަކަށް އެއްޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް، ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއިން ނިންމައިފި އެވެ.
ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ކޮރޯނާވައިރަސް އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ، މިހާލަތުގައި ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް ފެން ކުންފުނިން ނިންމާފައިވާ ކަމަށެވެ.
"މި ނިންމުމަށް އަޅުގަނޑު ރައްޔިތުންގެ ނަމުގައި ޝުކުރު ވަރަށް ބޮޑު ޝުކުރެެއް އެ ކުންފުންޏަށް ދަންނަވަން،" މަބުރޫކް ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެއް ޓަނުގެ ފެން ހިލޭ ދޭނެ އުސޫލެއް މަބުރޫކް ހާމައެއް ނުކުރައްވަ އެވެ. ޕްރެސްކޮންފަރެންސަށް ފަހު އޭނާ ވިދާޅުވީ މާދަމާ ފެން ކުންފުނިން އެކަން އާންމު ކުރައްވާނެ ކަމަށެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ 10 މީހަކު ރާއްޖެއިން މިހާރުވެސް ފެނިފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހަށް ރާއްޖޭގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
މާލެ، ވިލިމާލެ، އަދި ހުޅުމާލޭގެ އެއްވެސް ގެސްޓްހައުސްއަކަށް ޓޫރިސްޓުން ގެނައުން މަނާކޮށްފައިވާ އިރު މާލޭ ސިޓީ ކައުންސިލުން ވަނީ ޖުމްހޫރީމައިދާން ހިމެނޭ ގޮތުން މާލޭގެ ހުރިހާ ޕާކްތަކާއި މައިޒާންތައް ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.