14 Mar 2020, 20:06
ރިސޯޓުތަކުން އަރައި ފޭބުން ކޮންޓްރޯލު ކުރި ނަމަވެސް ފަތުރުވެރިން ފުރުވަން ދާ މުވައްޒަފުންނަށް ރިސޯޓުން އަރައި ފޭބުމުގެ ހުއްދަ އޮންނާނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވެއްޖެއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިއަދު 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ. މި މުއްދަތުގައި ރިސޯޓުތަކުގެ ބައެއް މުވައްޒަފުން ތިބީ އޮފް ޗުއްޓީގައި ރިސޯޓުތަކުން ބޭރުގަ އެވެ.
އެ ނިންމުން އިތުރަށް ތަފްސީލު ކޮށްދިނުމަށް މިރޭ ނެރުނު ބަޔާނެއްގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތުގައި ރިސޯޓު މުވައްޒަފުންނަށް ވަޒީފާ އަދާކުރުމަށްޓަކައި ރިސޯޓަށް ދެވިދާނެ ކަމަށެވެ. ނަމަވެސް އެމީހުންނަށް ރިސޯޓުން ފޭބުން ވަނީ މަނާކޮށްފައެވެ.
ރިސޯޓު މުވައްޒަފުންގެ ތެރެއިން ރިސޯޓުން އަރައި ފޭބުމުގެ ހުއްދަ އޮންނާނީ ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުންނަށް އެކަނިކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި އުޅޭ މުވައްޒަފުން ދަތުރުކުރާ ގޮތުގެ މައުލޫމާތު ރިސޯޓުތަކުން ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް ޑިރެކްޓަރ ޖެނެރަލްގެ ބަޔާނުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓުތަކުގެ ޖެޓީއަށް ފޭބުމުގެ ހުއްދަ ލިބިގެންވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތުގައި އުޅޭ މީހަކު ރިސޯޓަކަށް އެތެރެވެފައިވާނަމަ، އެމީހަކަށް ރިސޯޓުން ފޭބުމުގެ ހުއްދަ ނޯންނާނޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ބަޔާނުގައި ވެއެވެ.
ކުރިއަށް އޮތް 14 ދުވަހަށް އެޅި މި ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.
ރާއްޖޭން ކޮރޯނާވައިރަހަށް 10 މީހަކު ޕޮޒިޓިވްވެފައިވާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މި މަހުގެ 12ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ޕަބްލިކް ހެލްތު އެމަޖެންސީވެސް ވަނީ އިއުލާނުކޮށްފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ ގެސްޓުހައުސްތަކަށް ފަތުރުވެރިން ގެނައުންވެސް މަނާކޮށް ދެ ހަފްތާ އަށް ޔުނިވާސިޓީ އަދި ކޮލެޖުތައް ބަންދު ކުރަންވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިއަދު ވަނީ އަންގަވައިފައެވެ.