ބިއުނަސް އައިރިސް (ޑިސެމްބަރ 12) : ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންފައިވާ އަރޖެންޓީނާގެ ރައީސާ ކްރިސްޓީނާ ފަރނާންޑީޒް ޑިކިރިޝްނަރ، މަޤާމުގެ ޤާނޫނީ ހުވާކުރައްވައި ދެވަނަ ފަހަރަށް ރިޔާސަތާ ޙަވާލުވެ ވަޑައިގެންފިއެވެ.

މިކަމަށްޓަކައި ބިއުނިސް އައިރިސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ ބައެއް ޤައުމުތަކުގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެތެރޭގައި ގިނައީ ލެޓިންއެމެރިކާގެ ޤައުމުތަކުގެ ލީޑަރުންނެވެ.

ރިޔާސީ ދެވަނަ ދައުރުގެ ޤާނޫނީ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކްރިސްޓީނާވަނީ އަރޖެންޓީނާގެ އިޤްތިސާދާއި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ވާތުފިޔައިގެ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ ކްރިސްޓީނާ ވިދާޅުވީ ދުނިޔޭގެ ކުރިއަރަމުންދާ އިޤްތިސާދުތަކާ ވާދަކުރެވޭ ފެންވަރަށް އާރޖެންޓީނާގެ އުދެއްދުންތެރިކަން ތަރައްޤީ ކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުކޮށް ވަޒީފާގެ ފުރްސަތުތައް ގިނަކޮށް އިޤްތިސާދީ ތަނަވަސްކަން މިހާރަށް ވުރެ ބޮޑުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އުމުރުން 58 އަހަރުގެ ކްރިސްޓީނާ އަކީ އެޤައުމުގައި މިހާތަނަށް ވެރިކަންކުރި އެންމެ މަޤްބޫލު ޝަޚްސިއްޔަތު ކަމަށްވާ ކުރީގެ ރައީސް ފަރނާންޑީޒް ޑިކިރިޝްނަރގެ ހުވަފަތް އަނބިކަނބަލުންނެވެ. އެކަމަނާއަށް ލިބވަޑައިގެންފައިވާ ރައްޔިތުންގެ ތާއީދަކީ އަވަހާރވެފައިވާ ފިރިކަލުންގެ ފަރާތުން ވާރުތަވި އެއްޗެކެވެ. (ރޮއިޓާސް)