މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ސަލާމަތަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ބަންދު މީހުންގެ އާއިލީ ބައްދަލުވުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށާއި އޭގެ ބަދަލުގައި ކޮންމެ 10 ދުވަހަކުން 10 މިނެޓުގެ ފޯނު ކޯލެއް ކުރުމުގެ ފުރުސަތު ދޭނެ ކަަމަށެވެ.

ބަންދުގައި ހުންނަ މީހެއްގެ ފަރާތުން ރޯގާގެ އަލަމާތެއް ފެންނަން ހުރިނަމަ އޭނާ އަށް ވަކީލަކާ ބައްދަލު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެނޫން ހާލަތުގައިވެސް ބައްދަލުވުމަށް ނުދިޔުމަށް އިލްތިމާސް ކުރާކަމަށް ފުލުހުން ބުންޏެވެ.

ވަކީލުންގެ ބައްދަލުވުމަށް 30 މިނެޓުގެ ފޯނު ކޯލުގެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

ފުލުހުން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ރައްކާތެރިކަމަށް ވެސް ވަނީ ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން، ގައިދީންނަށް ދެމުން ގެންދިޔަ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް ވަނީ މިވަގުތަށް ހުއްޓާލައިފަ އެވެ.

ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.