ރާއްޖެއިން ބޭރުން އާސަންދަ ހޯދުމަށް އެދޭ ފޯމްތައް ސިއްހީ ހިދުމަތްދޭ ތަންތަނުން ހުށަހެޅޭގޮތަށް ހަމަޖައްސައިފިއެވެ.

މީގެ ކުރިން އާސަންދަ ފޯމްތައް ހުށަހަޅަން ޖެހެނީ އެސްޓީއޯ ޓްރޭޑް ސެންޓަރު އިމާރާތުގައި ހުންނަ އާސަންދަ އޮފީހަށެވެ.

އާސަންދަ ކުންފުނީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެގޮތަށް ނިންމީ މިހާރު އާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އާންމުން ތަންތަނަށް އެއްވުން މަދުކުރުމުގެ ގޮތުން ކަމަށެވެ. އަދި ބުނީ އެގޮތަށް ހަމަޖެއްސީ ކޮރޯނާވައިރަހުގެ ހާލަތު ހަމައަކަށް އެޅެންދެން ކަަމަށެވެ.

އެގޮތަށް ހިދުމަތްތައް ދޭ މަރުކަޒުތައް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވާއިރު، ބަލިމީހާ ނުވަތަ އެހީތެރިޔާއާ ގުޅޭ ނަންބަރުވެސް ފޮނުވަން ޖެހޭނެކަމަށް އާސަންދައިން ބުންޏެވެ.

" ލިޔެކިޔުންތައް ޗެކްކުރުމަށްފަހު އާސަންދަ ކަސްޓަމާ ސާވިސާސް ސެންޓަރުން ބަލި މީހާ ނުވަތަ އެހީތެރިޔާއާ ފޯނުން ގުޅައިގެން ކުރިއެކޭވެސް އެއްގޮތަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ބަލިމީހާ ބޭރަށް ފޮނުވުމުގެ ޕްރޮސެސް ކުރިއަށްދާނެއެވެ. އަދި ޕްރީ އޮތޮރައިޒޭޝަން ސިޓީއާއި ޓިކެޓް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ." އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނުގައިވެއެވެ.