12 Dec 2011, 09:04
އޮސްލޯ (ޑިސެމްބަރ 12) : މި އަހަރުގެ ސުލްޙައިގެ ނޮބެލް އިނާމަށް ހޮވިފައިވާ ތިން އަންހެނުންނަށް އެއިނާމް ދީފިއެވެ. މިކަމަށްޓަކައި ނޯވޭގެ ވެރިރަށް އޮސްލޯގައި ބޭއްވި ރަސްމިއްޔާތެއްގައި އިނާމް ހަވާލުކޮށްދެއްވީ ނޮބެލް އިނާމްގެ ކޮމިޓީގެ ރައީސް ތޯބައޮރެން ޔަންގްލެންޑެވެ.
1.5 މިލިޔަން ޑޮލަރުގެ މިއިނާމް ލިބުނު ތިން އަންހެނުންނަކީ ޔަމަންގެ އެކްޓިވިސްޓެއް ކަމަށްވާ ތަވައްކުލް ކަރްމާން އާއި ލައިބީރިޔާގެ ރައީސާ އިލީން ޖޯންސަން އާއި ހަމައެޤައުމުގެ އެކްޓިވިސްޓެއް ކަމަށްވާ ލީމާ ގޮބީ އެވެ. މި ފައިސާ، މިތިން އަންހެނުންނަށް އެއްވަރަކަށް ބަހާލުމުން ކޮންމެ އަންހެނަކަށް ފަސް ލައްކަ ޑޮލަރު ލިބުނު ކަމަށް ޚަބަރު ލިބެ އެވެ.
އިނާމް ލިބުމަށް ފަހު ޔަމަންގެ ތަވައްކުލް ކަރްމާން ދެއްކެވި ވާހަކާގައި ޢަރަބި ސުޕްރިންގެ އައި ޤައުމުތަކުގެ ރައްޔިތުން ޑިކްޓޭޓަރުންނާ ދެކޮޅަށް ކުރި ޖިހާދަށް ހުޅަނގުން އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށް ވިދާޅުވެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޢަރަބި ޑިކްޓޭޓަރުންގެ ފަހަތުގައި ހުޅަނގު އޮތް ކަމަށް ތުހުމަތު ކުރެއްވި އެވެ.
އިލީން ޖޯންސަންގެ ވާހަކާގައި ހަނގުރާމަ އާއި ތަޅާފޮޅުމުގެ ސަބަބުން ވީރާނާވެފައިވާ ލައިބީިޔާ ފަދަ މުޖްތަމަޢުތަކަށް ސުލްޙަ އާއި އަމްނު އަމާންކަމުގެ މުހިއްމުކަން ބަޔާންކުރެއްވި އެވެ. ލީމާ ގޮބީގެ ވާހަކާގައި އަންހެނުންގެ ޙައްޤުތަކަކީ އިންސާނީ ހައްޤުތަކުގެ ބައެއް ކަމަށް ވިދާޅުވެ އަންހެނުންނަށް ލިބުނު މި އިނާމަކީ މުޅި އިންސާނިއްޔަތަށް ލިބުނު އިނާމެއް ކަމަށް ސިފަކުރެއްވި އެވެ. (ރޮއިޓާސް)