ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންނަށް ފަރުވާ ދިނުމަށް ތަރައްގީކުރި ކ. ވިލިނގިލިވަރު (ވިލިވަރު)ގެ ޖާގަ 100 އެނދަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ޓްރަސްފަންޑުން 2.1 މިލިއަން ހަރަދުކޮށްގެން ވިލިވަރުގައި ހަދާފައިވާ އައިސޮލޭޝަން ވަސީލަތުގެ މިހާރުގެ ޖާގައަކީ 30 އެނދެވެ.

ދަރުބާރުގެ ގޭގައި ގައިިމުކޮށްފައިވާ ކޮރޯނާ ވައިރަސް އިމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ވިލިވަރުގެ ޖާގަ އިތުރު ކުރުމަށް ފޭސް ދޭއް ކުރިއަށް ދިޔުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މޯލްޑްވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އެހީތެރިކަން އެކަމަށް ލިބޭނެ ކަމުގެ ޔަގީންކަން އެ ޖަމިއްޔާ އިން ދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާދަމާގެ ވަގުތެއްގައި ވިލިވަރުގެ ފޭސް ދޭއްް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އިރާދަކުރެއްވިޔާ ވިލިވަރު ފޭސް ދޭއް ނިމުމުން ޖުމަލަ 100 ބެޑަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، އެއާ އެކު މެޑިކަލް ޓީމް ވެސް އެތަނުގައި ގާއިމުވެ ތިބޭނެ ކަމަށެވެ.

އަލީ ވަހީދު: ވިލިވަރުގެ ކެޕޭސިޓީ 100 އަށް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަސައްކަތަށް ޓަކައި އެ ރަށް އެއްވެސް އަގަކާ ނުލާ މިހާރު ހަ މަސް ދުވަހަށް ނަގާފައިވާ ކަމަށާއި އެކަމަށް ޓަކައި މޯލްވްސް އެސޯސިއޭޝަން ފޯ ކޮންސްޓަރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހަށް މިނިސްޓަރު އަލީ ވަހީދު ޝުކުރު އަދާކުރެއްވި އެވެ.

މިހާރު ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ފަރުކޮޅުފުއްޓާއި ވިލިވަރެވެ. ތިން ވަނަ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އއ. ވެލިދޫގައި ހިންގަމުން އައި ވެލިދޫ އައިލެންޑް ރިސޯޓު ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކަމަށް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.

"ދެހާސް ނަވާރައިގެ ފަހުކޮޅާ ހަމައަށް ހިންގަމުން އައިސް ހުއްޓިފައި އޮތް ވެލިދޫ ރިސޯޓު. އެ ތަނުގެ ތިން ހިއްސާދާރުން އަހްމަދު އިސްމާއިލް، މުހައްމަދު ރާމިޒް އަދި އަބްދުﷲ މުހައްމަދަށް މި ފުރުސަތުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ ރިސޯޓު ދިވެހި ސަރުކާރަށް ލިބިފައި ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި މިހާރު ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓިމުތައް އެތަން ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ސްޕެއިން އިން މިރޭ ދަންވަރު 12:00ގެ ފަހުން މީހުން އައުން މަނާކުރިކަން ވެސް އިއުލާންކޮށްފަ އެވެ. އޭގެ އިތުރުން ފްރާންސް އަދި ޖަރުމަނުގެ ބައެއް ސަރަހައްދުތަކުން ވެސް މިރޭ 12:00 އިން ފެށިގެން މީހުން އައުން މަނާކުރަން ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެ އިން ކޮރޯނާ ވައިރަސްއަށް 10 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން 30 ދުވަހަށް ކުއްލި ސިއްހަތުގެ ނުރައްކަލުގެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކޮށްފަ އެވެ.

އެ ނިންމުމާ އެކު ގާނޫނުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޑިކެޓަރަށް ލިބޭ ބާރުގެ ދަށުން މިހާރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ޕާކްތައް ބަންދުކުރުމާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ސަފާރީތަކުން އެކްސްކާޝަންއަށް މާލެއަށް ޓޫރިސްޓުން ގެނައުން 14 ދުވަހަށް ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން މިއަދު ވަނީ، ކޮލެޖު، ޔުނިވާސިޓީތައް ވެސް 14 ދުވަހަށް ބަންދުކޮށްފަ އެވެ. އަދި މާލެ ސިޓީގެ ޓޫރިސްޓު ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް ބިދޭސީ ފަތުރުވެރިން މިރޭ 12 އިން ފެށިގެން ޗެކްއިންވުން ވެސް ވަނީ މަނާކޮށްފަ އެވެ.