14 Mar 2020, 16:08
ކޮރޯނާވައިރަހަށް ޝައްކުވާ އަލާމާތްތައް ފެނިގެން ބަނޑޮސް މޯލްޑިވްސް ރިސޯޓާއި އާއި ބ. ފެހެންދޫއިން ޓެސްޓުކުރި ދެ ބިދޭސިންގެ ނަތީޖާ ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރާއްޖޭގައި ކޮވިޑް19 ގެ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ބަނޑޮހާއި ފެހެންދޫ އިން ނެގި ސާމްޕަލް ނެގެޓިވްވި ނަމަވެސް އެ ދެރަށް އޮތީ މޮނީޓަރިން ހާލަތުގައި ކަމަށެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ނަތީޖާ ނެގެޓިވް ވި ނަމަވެސް، ރަށެއް މޮނީޓަރިން ހާލަތުގައި ބާއްވަނީ ހައިރިސްކު ކޭސްތަކުގައި ކަމަށާއި އެ ފަދަ ހާލަތްތަކުގައި ޝައްކު ކުރެވޭ މީހާގެ ދެ ސާމްޕަލެއް ނަގައި ޓެސްޓު ކުރާނެ ކަމަށެވެ.
ބ. އަތޮޅުގައި ހިންގާ ޑްރީމް ލޭންޑުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއަކު ފުރަން ގޮސް ހުއްޓާ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އޭނާގެ ޓެސްޓު ހަދަމުންދާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ރިސޯޓު އޮތޯ މޮނީޓަރިން ހާލަތުގައެވެ. މީގެ އިތުރުން މީރު އައިލެންޑަށް އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމެއް ދަތުރު ކުރަމުންދާއިރު އެ ރިސޯޓުން އެކެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ރިސޯޓުވެސް އޮތޯ މޮނީޓަރިން ހާލަތުގައެވެ.
ރާއްޖެއިން މިހާތަނަށް 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރުޔ ރާއްޖޭގެ ރިސޯޓުތަކަށް މީހުން އުޅޭ ރަށްރަށުން ދިޔުމާއި، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިޔުން މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން ވަނީ މަނާކޮށްފައެވެ.
ކޮވިޑަށް ޝައްކުވެގެން މިހާތަނަށް 120 ސާމްޕަލެއް ޓެސްޓުކޮށްފައިވާއިރު 110 ސާމްޕަލެއް ވަނީ ނެގެޓިވް ވެފައެވެ.