14 Mar 2020, 15:25
ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ހަފްތާއަށް ބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު، ގްރޭޑް 10 އިން ފެށިގެން މަތީގެ ގްރޭޑުތަކުގެ ދަރިވަރުން ގޭގައި ތިބެގެން އޮންލައިންކޮޮށް ކިޔެވުމަށްޓަކައި ފޯރުކޮށްދޭ ފިލާވަޅުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރޭ ޕީއެސްއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އެޑިއުކޭޝަން ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އަމާޒަކީ ގްރޭޑް 10 އަދި 11 ގެ ދަރިވަރުންނަށް އެ ދަރިވަރުންގެ ފިލާވަޅުތައް އަންނަ ހަފްތާގައި ފޯރުކޮށްދިނުން ކަމަށެވެ. އެ ދަރިވަރުންނަށް ފިލާވަޅުތައް ފޯރިކޮށްދޭން ނިންމާފައިވަނީ "އެޑިޔުޕޭޖް"އާއި "ގޫގަލް ކްލާސްރޫމް"އާއި "ޓެޑް އެޑް"ފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
އޭގެ އިތުރުން އިތުރަށް ސްކޫލްތައް އިތުރަށް ބަންދުކުރާ ހާލަތަކަށް ދެވިއްޖެނަމަ އެ ހާލަތުގައި ދެން ބޭނުންކުރާނެ ސްކީމާއި ފިލާވަޅުތަކަށް ބޭނުންވާނެ އެހީއާއި އެތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ޓީޗަރުން ކުރިއަށް ގެންދާނެކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން އެފަދަ މަސައްކަތްތައް ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީން ޓީޗަރުންނަށް ޕްރޮފެޝަނަލް ގައިޑެއްވެސް ފޯރުކޮށްދޭނެކަަމަށް އޭނާ ވިދާޅުވިއެވެެ.
އޭނާ އިތުރަށް ވިދާޅުވީ އެހެނިހެން ގްރޭޑުތަކިހެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭނެ ހާލަތެއް އަތުވެއްޖެނަމަ އެކަން ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދިއުމަށް މުވާސަލާތީ ފަރާތްތަކާމެދުވެސް މިހާރު ވާހަކަދައްކަމުން ދާ ކަމަށެވެ. އަދި އެފަދަ ހާލަތުގައި ސްކޫލްތަކުން ފިލާވަޅުތައް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި ސްކޫލްތަކުން ބޭނުންވާ ޕްލެޓްފޯމްތައް ބޭނުންކުރުމުގެ އިހްތިޔާރުކުރުމުގެ ފުރުސަތު ދޫކޮށްލާފައިވާ ކަމަށެވެ.
ރޭގެ ޕްރޮގްރާމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ސްކޫލްތައް ދިގު މުއްދަތަަކަށް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ކިޔަވައިދޭން ނިންމާފައިވަނީ ޔޫޓިއުބާއި ޕީއެސްއެމްގެ ޗެނަލްތަކާއި އަދި އެހެނިހެން އިންޓަނެޓްގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.
"ޓީވީ ޗެނަލްތައް މެދުވެރިކޮށް ފިލާވަޅުތައް ކުރިއަށް ގެންދިއުމަކީ އަޅުގަނޑަށް ހީވަނީ އިންޓަނެޓް ނެތް ހިސާބުތަކަށްވެސް އަޅުގަނޑަށް ހީވަނީ ވަރަށް ފައިދާހުރި ޕްރޮގްރާމަކަށް ވެގެން ދާނެހެން. ޓީވީ ޕްރޮގްރާމްތައްވެސް ދެގޮތަށް ކުރިއަށް ގެންދަން ރާވަން. އެއްގޮތަކީ ރެކޯޑެޑް ފިލާވަޅުތަކެއްގެ އިތުރުން ދަރިވަރުންނަށްވެސް އިންޓަރެކްޓް ވެވޭގޮތަށް ޕީއެސްއެމް ޗެނަލްއެއް މެދުވެރިކޮށް ގެންދިއުން" މޫސާ އާދަމް ވިދާޅުވިއެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް ބަންދުކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިއަދު ވަނީ އަންގަވާފައެވެ.
މިހާތަނަށް ރާއްޖޭގައި 10 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވެއެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެއްގެ އިތުރުން އަނަންތާރާ ދިގު ރިސޯޓުން އެކަކެވެ. މީގެ ތެރެއިން ދެ މީހަކީ ކުރެއްދޫ ރިސޯޓުގައި މަސައްކަތްކުރާ ދެ ބިދޭސީންނެވެ. އަދި ބާކީ އަށް މީހުންނަކީ ފަތުރުވެރިންނެވެ.