"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހީން"ގެ ނަމުގައި މަދަނީ އިއްތިހާދުން މި މަހުގެ 23 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ބޮޑު މުޒާހަރާގެ ވެބްސައިޓް މިރޭ އިފްތިތާހު ކޮށްފި އެވެ.

އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ހަފްލާއެއްގައި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.

ވެބްސައިޓް އިފްތިތާހު ކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މި ވެބްސައިޓަކީ މިހަރަކާތް ކާމިޔާބު ކުރުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ އެ މުޒާހަރާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ އިސްލާމްދީން ހިމާޔަތް ކުރުމަށް ޓަކައި ދިވެހީން ތިބިކަން ދައްކަން ޖެހޭނެ ކަމަށެވެ.

"23 ޑިސެމްބަރު.ކޮމް"ގެ ނަމުގައި މިރޭ އިފްތިތާހު ކުރި ވެބްސައިޓް މެދުވެރިކޮށް މުޒާހަރާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފަސޭހަކަމާ އެކީ ލިބިގެން ދާނެ ކަމަށް މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

އެ މުޒާހަރާއަށް ހޭލުންތެރި ކުރުމުގެ ގޮތުން އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ޚާއްސަ ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.