14 Mar 2020, 13:25
ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.
މިއާއެކު ރާއްޖޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިވަނީ 10 އަކަށް އަރާފައެވެ.
ރާއްޖެއިން ކޮރޯނާ އަށް ޕޮޒިޓިވްވި ފުރަތަމަ ދެ ކޭސް ވެސް ފެނިފައިވަނީ ކުރެއްދޫ އިންނެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއަކު އެނބުރި ގައުމަށް ގޮސް، އޭނާ އަށް ބަލި ޖެހިފައިވާކަން އަންގާފައިވަނިކޮށް ކުރެއްދޫ އިން ބައްޔަށް ޕޮޒިޓިވް ވި ދެ މީހުން ފެނުނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.
ކުރެއްދޫ ގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށް، އައިސޮލޭޓު ކުރަންޖެހޭ މީހުން ރަށުގެ ވަކި ސަރަހައްދެއްގައި ވަނީ އައިސޮލޭޓު ކޮށްފައެވެ. އެރަށުން 10 މީހެއްގެ ޓެސްޓު އިއްޔެ ވަނީ ހަދައިފައެވެ. އޭގެ ތެރެއިން އެކެއްގެ ނަތީޖާ ބައްޔަށް ޕޮޒިޓިވް ވި އިރު، އަނެއް ދެ މީހުން ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.
ކުރެއްދޫއިން މިއަދު ޕޮޒިޓިވްވި މީހާ އަކީވެސް ބިދޭސީއެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނީ އެމީހާ އައިސޮލޭޝަނަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށެވެ.
ކުރެއްދޫ އިން ކޮރޯނާގެ ފަސް ކޭސް ފެނިފައިވާއިރު ބަތަލާ އިންް ދެ ކޭސް، ކުރަމަތިން ދެ ކޭސް އަދި އަނަންތަރާ ދިގު ރިސޯޓުން އެއް ކޭސް ވަނީ ފެނިފައެވެ. މި ހުރިހާ މީހުންނަކީވެސް ބިދޭސިންނެވެ.
ރާއްޖެއިން ބަލި ފެނުނު ރިސޯޓުތަކާއި ބައްޔަށް ޝައްކު ކުރެވޭ މީހުން ތިބި ރިސޯޓުތަކާއި އެއް ރަށް އަދި ސަފާރީއެއް މިވަގުތު އޮތީ މޮނީޓަރިންގައެވެ.