ރާއްޖެއިން ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ 10 މީހަކު މިހާތަނަށް ފެނިފައިވާ އިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކުގެ ކިޔެވުން ފެށުުން އެއް ހަފްތާއަށް މިހާރުވަނީ ފަސްކޮށްފަ އެވެ. މިޑް ޓާމް ބްރޭކަށްފަހު މުދައްރިސުންނާއި މުވައްޒަފުންނަށް ސްކޫލްތައް ހުޅުވުނު ނަމަވެސް ދަރިވަރުން ސްކޫލަށް ދާކަށް ނުޖެހެ އެވެ. މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުކަމުން ގޭގައި ނުތިބެ ތަންތަނަށް

ބޮޑަށް އެދެވިގެންވަނީ ކުދިން ގޭގައި ތިބުން ކަމުގައިވާއިރު، ގިނަ ކުދިންނަށް މި ހަފްތާ ވަނީ ވަރަށް ފޫހި ހަފްތާއަކަށެވެ. ގޭގައި ތިބެތިބެ ކުރާނޭ ކަމެއް އަދި ކުރެވޭނެ ކަމެއް ނޭގިގެން އުޅޭ ބެލެނިވެރިންނާއި ކުދިން އެހާމެ ގިނަ އެވެ.

އިންސްޓިޓިއުޓް ފޯ އިންޓެލިޖެންޓް ލާނިންގެ ޑިރެކްޓާ މިޒްނާ ގާސިމްގެ އެހީތެރިކަމާއި އެކު މި ކިޔައިދެނީ މި ދުވަސްވަރު ބެލެނިވެރިންނަށް ގޭގައި ތިބެގެން ކުދިންނާ އެކު ކުރެވިދާނެ ބައެއް ކަންކަމެވެ.

1. ކުދިންގެ އުމުރާ ގުޅޭހެން ހާލަތު ކިޔައިދީ

މިޒްނާ ވިދާޅުވި ގޮތުގައި މިފަދަ ބަލިމަޑުކަމެއް ފެތުރިގެން އުޅޭ ދުވަސްވަރެއްގައި ކުދިންނަށްވެސް އެކުދިންގެ އުމުރާއި ގުޅޭނެހެން މިކަމުގެ މައުލޫމާތު ބުނެދިނުން މުހިންމެވެ. ކޮރޯނާވައިރަސް އަކީ ކޮބައިކަމާއި، މި ބަލީގެ އަލާމާތްތައް އަދި ވެގެން މިއުޅޭ ގޮތް އެކުދިންގެ ސިކުނޑިތަކަށް ދޭހަވާނޭ މިންވަރަކަށް ބުނެދިނުން މުހިންމެވެ. އަދި ނަމާދަށްފަހު މި ބަލިން ރައްކާތެރިވެ އަދި ޝިފާއަށް އެދި މާތްﷲ އަށް ދުއާ ކުރަން އިރުޝާދުދީ، އަމަލީގޮތުން އެކަންކަންކޮށް އަދި އެކުދިންގެ ހިތްތަކުގައި އެހެން މީހުންނަށް ލޯތްބާއި، ހަމްދަރުދީ އަދި އޯގާތެރިކަމުގެ ކުލުނު އުފެއްދުން މުހިންމެވެ.

2. ކުދިންނަށް އެންމެ މުހިންމީ ބެލެނިވެރިންނާ އެކުގައި ހޭދަކުރާ ވަގުތު

މިފަދަ ކޮންމެ ހާލަތެއްގައިވެސް، ކުދިންނަށް އެންމެ މުހިންމީ ބެލެނިވެރިންނާއި އެކީގައި ހޭދަކުރެވޭ ވަގުތެވެ. މާލެއާއި އަދި މީހުން ދިރިއުޅޭ ރަށްރަށުގައި އާންމު ހާލަތު އަދި އެންމެ ރަނގަޅުކަމުގައިވިޔަސް، ބެލެނިވެރިން ދަރިންނާއި އެކީގައި ހޭދަކުރާ ވަގުތު އެބަ އިތުރުކުރަން ޖެހެއެވެ. އަދި އެވަގުތަކީ ވީހާވެސް ޕްރޮޑަކްޓިވް އަދި ބޭނުންތެރިގޮތެއްގައި ހޭދަކުރެވޭނެ ވަގުތުތަކަކަށް ހަދަންޖެހެ އެވެ.

"ވީހާވެސް ގިނަ ވަގުތު ކުދިންނަށްދީ، އެކުދިންނާއި އެކު ކޮންމެވެސް ކާއެއްޗެއް ތައްޔާރުކޮށްލުން ނުވަތަ ކްރާފްޓްއެއް ހެދުންފަދަ ހަރަކާތްތަކެއް ހިންގިދާނެ. މިއީ ބެލެނިވެރިންނާއި ކުދިންނާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށްދޭންވެސް މިއީ ރަނގަޅު ފުރުސަތަކަށްވާނެ" މިޒޫ ވިދާޅުވިއެވެ.

3. ސްކޫލަށް ދާން ނުޖެހުނަސް ދުވަސް ތަރުތީބުކުރާނެ ގޮތް ރާވާލާ

ގިނަފަހަރަށް ސްކޫލަށްދާން ނުޖެހުމުން ކުދިންނަށް ހީވާނީ މިއީ ޗުއްޓީއެއްހެންނެވެ. ސްކޫލްތަކުން ވަކި ގްރޭޑްތަކަކަށް ހާއްސަކޮށްގެން އޮންލައިންކޮށް ކިޔަވައިދިނުމުގެ ހާއްސަ އުސޫލުތަކަކަށް ތައްޔާރުވަމުން އަންނައިރު، މިއީ ޗުއްޓީއަކަށް ނަހަދާ ވީހާވެސް ހަރުދަނާގޮތަކަށް ދުވަހުގެ ކަންކަން ރާވާލުމަށްޓަކައި ބެލެނިވެރިން ތައްޔާރުކޮށްލަންވީ ދުވަހުގެ ޝެޑިއުލެކެވެ. ކުދިންނާއި އެކީގައި ދުވަހުގެ އެކި ވަގުތުތައް އެކި ކަންކަމަށް ބަހާލުން މުހިންމެވެ.

"ޝެޑިއުލް ތައްޔާރުކުރުމުގައި މިސާލަކަށް ހެނދުނު ހާޢްސަކޮށްލެވިދާނެ ސްކޫލްގެ ފިލާވަޅުތައް ރިވައިޒްކޮށް އޮންލައިންކޮށް ހަވާލުކުރާ މަސައްކަތްތައް ކުރުމަށް. އެއަށްފަހު މެންދުރު ކުދިންނަށް ހުސްވަގުތުކޮޅެއް ކުޅެލުމަށް ނުވަތަ ބޭނުން ހަރަކާތެއް ކުރުމަށް ދޫކޮށްލުމަށްފަހު އަނެއްކާވެސް ހަވީރު ހާއްސަކުރެވިދާނެ ކޮންމެވެސް ހަރަކާތަކަށް" މިޒޫ ވިދާޅުވި އެވެ.

މިގޮތުން ކުރިއަށް ގެންދެވިދާނެ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ޕަޒްލް، ވޯޑް ސާރޗ،ް ކުރެހުމާއި ކުލަޖެއްސުން ފަދަ އެކެޑެމިކް ގޭމްސް ހިމެނޭއިރު، އުމުރާއި އަދި އެކުދިންގެ ޝައުގުވެރިކަމާއި ގުޅޭނެހެން އެހެނިހެން ހަރަކާތެއްވެސް ގޭތެރޭގައި ރޭވިދާނެ އެވެ.

4. ފޮތް ކިޔުމަށް ބާރުއަޅުވާ

ގޭގައި ތިބެން ޖެހިފައިވާ މި ދުވަސްވަރު ކުދިންނާއި އެކީގައި ކުރެވޭނެ އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު އެއް ކަމަކީ މިއީ އެވެ. ފޮތް ކިޔުމަކީ ކުދިންނަށް ތައުލީމީގޮތުންވެސް ވަރަށް ބޮޑު އެހީއެއް ވެދޭ ކަމަކަށްވާއިރު، ކުދިންނަށް ކަމުދާނެ ކަހަަލަ ފޮތްތަކާއި ލިޔުންތައް ކިޔަންދީ އަދި ކިޔާ ނިމުމުން އެ ފޮތާއި ބެހޭ ސުވާލުތަކެއް ކޮށްލާށެވެ. އަދި ކޮންމެ ދުވަހަކު ދަރިފުޅަށް ފޮތް ކިޔަންނުދީ ބެލެނިވެރިޔާ ފޮތް ކިޔާދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ. އޭރުން ކުދިންނަށް އަޑުއެހުމުގެ ހުނަރު ދަސްވެ، ޝައުގުވެރިކަން އިތުރުވެސް ވާނެ އެވެ.